10 May 2013, 14:30
ބައިރޫތު (މޭ 10): އިސްރާއީލުން ސޫރިޔާއަށް ދިން ޢުދުވާނީ ޙަމަލާތަކަށް ރައްދު ދިނުމަށްޓަކައިއިސްރާއީލާ އެންމެ ބޮޑު ދުޝްމަންކަމަށްވާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އާވައްތަރުތަކުގެ ހަތިޔާރުތައް ދިނުމަށް ސޫރިޔާ ނިންމައިފި އެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ހިޒްބުﷲ ޖަމާޢަތުގެ އަމީން ޢާންމު، އައްޝައިޚް ޙަސަން ނަސްރުﷲ އިއްޔެ ވިދާޅުވީ އިސްރާއީލުން ސޫރިޔާއަށް ދިން ޢުދުވާނީ ޙަމަލާތަކަށް ބަދަލު ހިފުމުގެގޮތުން ހިޒްބުﷲ އަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސޫރިޔާގެ އިސްވެރިން ދެއްވާފައިވާ ކަމުގަ އެވެ. ސޫރިޔާ އިން ހިޒްބުﷲ އަށް ދިނުމަށް ނިންމާފައިވާ ހަތިޔާރުތަކުގެ ތެރޭގައި ހިޒްބުﷲ އަށް މިހާތަނަށް ނުލިބޭ ބާވަތުގެ ޒަމާނީ ހަތިޔާރުތައް ހިމެނޭ ކަމަށާ މިހަތިޔާރުތައް ވަރަށް އަވަހަށް ހިޒްބުﷲ އަށް ލިބޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނަސްރުﷲ ނުދެއްވަ އެވެ.
ސޫރިޔާ އިން ހިޒްބުﷲ އަށް ދޭ ހަތިޔާރުގެ ޝިޕްމަންޓްތައް ހުއްޓުވުމަށް އިސްރާއީލަށް ކުރެވޭނެ ކަމެއްނޯންނާނެ ކަމަށާއި އިސްރާއީލުން ކިތަންމެ ޙަމަލާތަކެއް ދިން ނަމަވެސް ސޫރިޔާ އިން ހަތިޔާރު އެތެރެކުރާނެ ގޮތްތަކާއި ވަސީލަތްތައް ހިޒްބުﷲ އަށް ލިބިފައިވާ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. ނަސްރުﷲ ވަނީ އިސްރާއީލުގެ ޢުދުވާނަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމަށް ޓަކައި ސޫރިޔާގެ ގޯލާންގެ ބިންތައް މުސްލިމް މުޖާހިދުން ނަށް ހުޅުވާލުމަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. ގޯލާންގެ ބިންތަކަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ބިމެކެވެ. މިބިމަށް މުސްލިމް މުޖާހިދުން ވަދެ އިސްރާއީލާ ދެކޮޅަށް ޖިހާދުގެ ފަށައިފިނަމަ ހިޒްބުﷲ އިން ލުބްނާނުގެ ދެކުނުގެ ސަރައްޙައްދު އިސްރާއީލުގެ އަޅުވެތިކަމުން މިނިވަން ކުރިގޮތަށް ގޯލާންގެ ބިންތައް ވެސް މިނިވަންވެގެންދާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.
ސޫރިޔާ އިން ވަނީ އިސްރާއީލުން ސޫރިޔާއަށް ދިން ޢުދުވާނަށް ރައްދު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު ޢިމްރާން އައްޒަޢަބީ ވިދާޅުވީ އިސްރާއީށް ރައްދު ދޭނެގޮތާއި ރައްދުދޭނެ ވަގުތު ކަނޑައަޅާނީ ސޫރިޔާއިން ކަމުގަ އެވެ. އީރާނާއި ސޫރިޔާގެ މަދަދުލިބޭ ކަމަށް އިސްރާއީލުން ތުހުމަތުކުރާލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންވަނީ ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް އިސްރާއީލު ހިފައިގެން އޮތްވައި ބާރުގެ ބޭނުންކޮށްގެން އެސަރަހައްދުން އިސްރާއީލުގެ އިސްތިޢްމާރީ ބާރުތައް ފައްސާލައި އެސަރަހައްދު މިނިވަންކޮށްފަ އެވެ. އަދި ހިޒްބުﷲ އާ ދެކޮޅަށް 2005ގައި އިސްރާއީލުން ފެށި ހަނގުރާމައިގާ ވެސް އެ ޖަމާއަތުން ވަނީ އިސްރާއީލުގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ.
މި ހަނގުރާމައިގާ ހިޒްބުﷲ ވަނީ އިސްރާއީލުގެ ރަށްތަކަށް އެތައް ހާސް ރޮކެޓް ހަމަލާތަކެއްދީ އިސްރާއީލަށް މާއްދީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. މިފަދަ ކާމިޔާބެއް އަރަބި ގައުމުތަކުގެ ސިފައިންގެ ލަޝްކަރުތަކަށް އިސްރާއީލުގެ މައްޗަށް އެންމެ ފަހަރަކުވެސް ހޯދިފައެއްނުވެ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ފަލަސްތީނުގެ އިސްލާމީ ޖަމާއަތެއް ކަމަށްވާ ޙަމާސް އިންވަނީ ހިޒްބުﷲގެ ރޭވުންތަކާއި އުކުޅުތަކުގެ ތަޖްރިބާ ބޭނުންކޮށްގެން ދެފަހަރެއްގެމަތިން އިސްރާއީލުގެ މައްޗަށް ނަސްރު ނަސްރު ހޯދާފަ އެވެ. އެހެންކަމުން ހިޒްބުﷲ އާއި ޙަމާސް ވެފައިވަނީ އިސްރާއީލު އެންމެބޮޑަށް ބިރުގަނެ އަދި ޖެހިލުންވާ ބާރުގަދަ ދެ ޖަމާއަތަށް ކަމުގަ އެވެ.(ނޫސްއެޖެންސީތައް)