މިދިޔަ މާޗު މަހާ އަޅާ ބަލާއިރު، ޓެކްސް އިން ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދިޔަ ނަމަވެސް އޭޕްރިލް މަހަށް ލަފާކުރި މިންވަރަށް ވުރެ އާމްދަނީ ލިބުނު މިންވަރު އުޅެނީ 18 ޕަސެންޓް މަތީގައި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރިލް މަހު ޓެކްސް އިން ދައުލަތަށް ލިބިފައި ވަނީ 644.2 މިލިއަން ރުފިޔާ ނުވަތަ 27.4 މިލިއަން އެމެރިކާ ޑޮލަރެވެ.

މިދިޔަ މާޗު މަހު މީރާ އަށް އާމްދަނީގެ ގޮތުގައި 802.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭޕްރިލް މަހުގެ އާމްދަނީއަކީ މާޗާ އަޅާ ބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާ އިރު، މި އަހަރުގެ އޭޕްރިލް މަހުގެ އާމްދަނީ އަކީ 34.2 ޕަސެންޓް މަތީ އަދަދެކެވެ. އަދި ހަމަ އެއާ އެކު، މި އަހަރުގެ އޭޕްރިލް މަހަށް މީރާއިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަށް ވުރެ 18 ޕަސެންޓް މަތީ އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭޕްރިލް މަހު މީރާ އަށް އެންމެ ގިނައިން ފައިސާ ވަދެފައި ވަނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް ނުވަތަ ޖީއެސްޓީ އިން ނެވެ. އޭޕްރިލް މަހުގެ އާމްދަނީ 63.8 ޕަސެންޓަކީ ޖީއެސްޓީ އިން ލިބިފައިވާ ފައިދާ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ފައިސާ ވަދެފައި ވަނީ ޓޫރިޒަމް ޓެކްސް އިން ނެވެ. އަދި ތިންވަނާގައި އުޅެނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ ބީޕީޓީ އެވެ.