ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބޭރުގައިވާ ރާނާ ޕްލާޒާ ފެކްޓްރީ ވެއްޓުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 1000 އަށް އަރާފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ރާނާ ޕްލާޒާ ފެކްޓްރީ ވެއްޓި ބިމާ ހަމަވި އިރު، އިމާރާތުގެ ތެރޭގައި ތިބި މީހުންގެ އަދަދު މިހާތަނަށް ޔަގީންކުރެވިފައި ނުވުމުގެ ސަބަބުން މީހުން ހޯދުމުގައި ބޮޑެތި އުދަނގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އިމާރާތުން މީހުން ސަލާމަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބަންގުލަދޭޝްގެ އަސްކަރިއްޔާއިން ބުނެ އެވެ.

އަށް ބުރީގެ ފެކްޓްރީ ވެއްޓުމަށް ފަހު ފެކްޓްރީގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވެ އެވެ.

މިއަދުގެ ނިޔަލަށް މީހުން ސަލާމަތްކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލަން އަސްކަރިއްޔާއިން ނިންމާފައިވާ އިރު މަރުވެފައިވާ 1،021 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން 600 އެއްހާ މީހުން ދެނެގަނެވި އެމީހުންގެ އާއިލާތަކާ ވަނީ ހަވާލުކުރެވިފަ އެވެ. ބާކީ ތިބީ މީހުންގެ މޫނަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެއީ ކޮން ބައެއް ކަން ހޯދިފައެއް ނުވެ އެވެ.

އޭއެފްޕީ އިން ބުނީ ކާކުކަން ނޭނގޭ ވަރަށް އަނިޔާވެފައިވާ މީހުންގެ ހަށިގަނޑުތަކުން ޑީއެންއޭ ނަގައިގެން ކޮންބައެއް ކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިމާރާތް ވެއްޓުމުގެ ދުވަހެއް ކުރިން، އިމާރާތުގައި ރެނދުތަކެއް ލުމުން، އިމާރާތް އެއްކޮށް ހުސްކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އިމާރާތުގެ ތެރެއަށް މީހުން ވައްދައިގެން މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިމައްސަލާގައި ބަންގުލަދޭޝް އިން އެތައް ބައެއްގެ މައްޗަށް ދައުވާކޮށްފައި ވާއިރު، ފެކްޓްރީގެ ވެރިޔާ ސުހޭލާ ރާނާ މަރާލުމަށް ގޮވާލާ ޑާކާގައި ވަނީ މުޒާހަރާކޮށްފަ އެވެ.