ގދ. ފަރެސްމާތޮޑާއިން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަންފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ އެ ޑިންގީގައި ދަތުރުކޮށްފައި ވަނީ ގދ.ފަރެސްމާތޮޑާ، ރޯޒީ ސައިޑް މުހައްމަދު ފަލާހް،30، ކަމަށެވެ.

މުހައްމަދު ފަލާހް އިއްޔެ ހަވީރު ކުޑަ ޑިންގީއެއްގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ އުހެހުއްޓާ ކިޔާ ފަޅުރަށަކުން އަކިރި ނަގައިގެން ފަރެސްމާތޮޑާ އަށް ގޮސް، ދެ ވަނަ ފަހަރަށް ފުރިފަހުން އޭނާގެ ޚަބަރެއްނުވެގެން ފަރެސްމާތޮޑާ ކައުންސިލުން އެކަން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ ރޭ 10:15 ހާއިރު ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެވަގުތު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޝޯޓެއްކަމަށް ފަރެސްނާތޮޑާ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

އެ ޑިންގީއަކީ 15 ހޯސް ޕަވަރުގެ އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްކަމަށާއި އެ ޑިންގީ އެންމެ ފަހުން ފެނިފައި އިއްޔެ ހަވީރު 3:15 އެހައިކަންހާއިރު ގދ. ވާދޫއާއި ދިމާލަށް ދަތުރުކޮށްފައި ދަނިކޮށް ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

އޭނާ އެ މީހާ ހޯދުމުގެ މަސައްކަތުގައި ރޭ ދަންވަރުން ފެށިގެން ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހާބާ ކްރާފްޓް ލޯންޗެއްގައި އެމީހާ ގެއްލުނު ކަމަށްބުނާ ސަރަހައްދު ބަލަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފަރެސްމާތޮޑާއިން ފެށިގެން ގައްދޫއާ ދޭތެރޭގެ އެތެރެވަރި ބެލުމުގެ އިތުރުން، އެހިސާބުގެ ފަޅުރަށްތައް ވެސް ބަލަމުން އަންނަ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.

މުހައްމަދު ފަލާހް ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:45 އިން ފެށިގެން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު ބޭނުންކޮށްގެން ޏ. ފުވައްމުލަކުން ފެށިގެން ވާދޫއާ ދޭތެރެ ބަލަމުން އަންނަ ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

ފުވައްމުލަކުން ފެށިގެން ވާދޫއާ ދޭތެރޭގައި ދަތުރުކުރާ ފަރާތްތަކުން މުހައްމަދު ފަލާހު އާއި އޭނާ ދަތުރުކުރި ޑިންގީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލައި ދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިއުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގއ. ކޮލަމާފުށިން ރާޅާއަޅަން ނުކުމެގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންފިޔަ ކޮލަމާފުށީ ކުނާވިޔާގޭ، މުހައްމަދު ސައްމޫން ޝަރީފު 21، އަދިވެސް ފެނިފައެއް ނުވެއެވެ.

އަދި ހަމަ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މ. މުލަކުން ފުރައިގެން ދެ މީހުންނާ އެކު ދަތުކުރި "އަޒުމް" ނަމަކަށްކިޔާ މަސް ދޯންނި ހޯދުމަށް ސިފައިން ކުރި މަސައްކަތުން އަދިވެސް އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިފައެއް ނުވެއެވެ.

އިންޑިއާގެ ނޭވީ މަތިންދާބޯޓެއް ވެސް ރާއްޖެ އައިސް ވަނީ އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.