10 May 2013, 13:36
މިލާނޯ (މޭ 10): އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި އިޓަލީގެ މުއްސަނދި މަހުޖަނު ސިލްވިޔޯ ބާލުސްކޯނީގެ މައްޗަށް އިއްވާފައިވާ އެއް އަހަރަށް ޖަލަށްލުމުގެ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށް ކަނޑައަޅައި މިލާނޯގެ އިސްތިއުނާފް ކޯޓުން އެ ޙުކުމް އަލުން ކަށަވަރުކޮށްދީފި އެވެ.
ޓެކްސް ނުދެއްކުމާއި ޓެކްސް ދެއްކުމަށް މަކަރު ހެދުމުގެ ކުށުގައި ބާލުސްކޯނީގެ މައްޗަށް އިޓަލީގެ ދަށު ކޯޓުން އިއްވާފައިވާ އެއް އަހަރުގެ ޖަލުގެ ޙުކުމް އިސްތިއުނާފު ކުރުމުން މިލާނޯގެ އިސްތިއުނާފު ކޯޓުން އިއްޔެ ނިންމާފައި ވަނީ އެ ޙުކުމަކީ ސާބިތު ހެކިތަކެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ކަމަށާ އެޙުކުމް ބާލުސްކޯނީގެ މައްޗަށް ތަންފީޒު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިމައްސަލަ އިޓަލީގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ އިތުރު ފުރްސަތެއް ބާލުސްކޯނީއަށް ލިބިވަޑައިގަންނަވަ އެވެ.
ޓެކްސް ނުދެއްކުމުގެ ކުށުގައި ބާލުސްކޯނީ އެއްއަހަރަށް ޖަލަށް ލުމުގެ ޙުކުމް ތަންފީޒު ކުރެވޭނީ ހައިކޯޓުން މިޙުކުމް އަލުން ކަށަވަރު ކޮށްދިނުމުން ކަމަށާއި އެހެންކަމުން މިމައްސަލަ ހައިކޯޓުގައި އަނެއްކާ ވެސް އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ބުނެ އެވެ.
މުއްސަނދި މަހުޖަނެއް ކަމަށްވާ ސިލްވިއޯ ބާލުސްކޯނީ އަކީ އިޓަލީގައި މާލީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ އިޓަލީގައި ދާދިފަހުން އެކުލަވާލި އައު ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ވެސްމެއެވެ. އެހެންކަމުން ބާލުސްކޯނީ ޖަލަށްލާ ހިސާބަށް ކަންތައް ގޮސްފި ނަމަ އިޓަލީގެ ކޯލިޝަން ސަރުކާރު ދެމިއޮތުމަށް ނުރައްކާވެދާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މިމައްސަލައިގެ އިތުރުން ބާލުސްކޯނީގެ މައްޗަށް ވަނީ އޭނާ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ނަހަމަ ގޮތުގައި މަޤާމުގެ ބޭނުން ކުރެއްވުމާއި ކޮރަޕްޝަނުގެ މައްސަލަތަކުގެ ދަޢުވާއެއް ވެސް އުފުލައިފަ އެވެ. އަދި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ފައިސާ ދީގެން އެކުއްޖާއާ އެކު ނަހަމަގޮތުގައި ޖިންސީ ގުޅުންތައް ހިންގެވި ކަމުގެ ދަޢުވާ ވެސް ބާލުސްކޯނީގެ މައްޗަށްވަނީ އުފުލައިފަ އެވެ.
މިކުށްތައް ސާބިތުވެއްޖެ ނަމަ 10 ވަރަކަށް އަހަރަށް ޖަލަށް ލުމުގެ ޙުކުމްތަކެއް އުމުރުން 78 އަހަރުގެ ބާލުސްކޯނީގެ މައްޗަށް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)