10 May 2013, 13:29
އިސްލާމް އާބާދު (މޭ 10): ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ކޭންޕޭން ނިމުމުގެ ކުރިން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ފިރިހެން ދަރިކަލެއް ކަމަށްވާ ޢަލީ ޙައިދަރު ގީލާނީ (ފޮޓޯ) ވަގަށްނަގައިފި އެވެ.
ޢަލީ ހައިދަރު ވަގަށްނެގީ ހަތިޔާރުއެޅި ޖަމާއަތަކުން ކަމަށާ މިއީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުގެ ޢަމަލެއް ކަމަށް ޝައްކުކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. ޢަލީ ޙައިދަރު ވަގަށްނެގީ ޕަންޖާބުގެ މިލްތާންގައި އިއްޔެ އޭނާ އުޅުއްވަނިކޮށް މޮޓޯ ސައިކަލެއްގައި އައި ބައެއް ކަމަށްވެ އެވެ. އެމީހުން ހަތިޔާރުން ބިރުދައްކައި ހައިދަރު އަތުލައިގަނެ އޭނާ ވަގަށްނަގައިގެން ގެންދިޔައީ އެމީހުންނާ އެކު ގެނައި ކާރެއް ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.
މިއޮޕަރޭޝަންގައި ހަތިޔާރުއެޅި މީހުން ވަނީ ހައިދަރުގެ ސެކްރެޓަރީގެ ގަޔަށް ބަޑިޖަހައި މަރާލައިއޭނާގެ ހަށިފާރަވެރިންގެ ތެރެއިން ފަސްމީހަކު ޒަޚަމްކޮށްލާފަ އެވެ.
ވަގަށްނެގި ވަގުތު ޢަލީ ޙައިދަރު ޙަރަކާތްތެރިވަމުން ދިޔައީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ފަރާތުން އޭނާ ކުރިމަތިލައްވާފައިވާ ޕާލަމެންޓްގެ ގޮނޑިއަށް ކެމްޕޭން ކުރެއްވުމުގަ އެވެ. ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ހައިދަރުގެ ބައްޕަ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ޕާލަމެންޓްގެ ގޮނޑިއަކަށް ކުރިމަތި ލެއްވުމުގެ ޝަރުތު ފުރިހަމަ ނޫންކަމަށް ކަނޑައަޅައި އިންތިޚާބުގައި ބައިވެރިވުން އޭނާ އަށް މަނާކޮށްފަ އެވެ.
އިއްޔެއަކީ ޕާކިސްތާނުގެ ޢާންމު އިންތިޚާބުގެ ކޭންޕޭންގެ އެންމެ ފަހު ދުވަހެވެ. ޕާކިސްތާނުގެ އިންތިޚާބަށް މިފަހަރު ކުރިމަތި އެންމެ ބޮޑު ނުރައްކަލަކީ ތާލިބާން ޖަމާއަތެވެ. ތާލިބާނުން ގެންދަނީ ކޭންޕޭން އެއްވުންތަކަށް ޙަމަލާދީ މީހުން މެރުމުގެ ޖަރީމާތަކެއް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. ތާލިބާނުން، ކޭންޕޭން އެއްވުންތަކަށް ދިން ޙަމަލާތަކުގައި ޕާކިސްތާނުގެ ސިޔާސީ ބޭފުޅުންނާއި ކޭންޕޭން ކޮށްދޭ މީހުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ތާލިބާނުން ވަނީ އިންތިޚާބުގައި ވޯޓުލާ އަންހެނުންނަށް ވެސް މަރުގެ އިންޒާރު ވެސް ދީފަ އެވެ.
ތާލިބާނުންގެ ޒަޢީމް ޙަކީމުﷲ މަޙްސޫދު ވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންތިޚާބު ގަނޑުބަޑު ކޮށްލުމަށް ޓަކައި ޕާކިސްތާނުގެ އެކިކަންކޮޅު ތަކަށް އަމިއްލައަށް މަރުވެގެން ޙަމަލާދޭ ހަނގުރާމަވެރިންގެ އެތައް ބަޔަކު ނެރެފައިވާ ކަމުގެ އިންޒާރު ދީފަ އެވެ.
ޕާކިސްތާނުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ތާލިބާނުންނަކީ ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭބައެއްނަމަވެސް އެމީހުންނާ ސުލްޙައިގެ ވާހަކަތައް ދައްކައިގެން މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ތާލިބާނުންނެކޭ އެއްގޮތަށް ޓެރަރިޒަމްގެ ނަމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި އުސޫލުތަކަށްވެސް އެއްބާރުލުން ނުދެއްވާނެ ކަމަށް ނަވާޒް ޝަރީފް ވިދާޅުވެފައިވެ އެވެ. ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ކޭންޕޭން މިހާރުވަނީ ނިމިފަ އެވެ. (އަލްޖަޒީރާ)