މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ސަރުކާރުގެ ތިން އިމާރާތުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ 89 މީހުންގެ ތެރެއިން އެކަކުފިޔަވާ އެހެން އެންމެންނަށް ދައުވާއާއި ގުޅޭގޮތުން މައުލޫމާތުދީ ނިމިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ދައުވާއާއި ގުޅޭ ގޮތުން މައުލޫމާތު ނުދެވި ތިބި މީހުންނަށް މައުލޫމަތު ދިނީ އިއްޔެ ކަމަށެވެ.

އެ މީހުންނަށް މައުލޫމާތު ދީފައި ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މީހުން ހާޒިރުކޮށް ކްރިމިނަލް ކޯޓާއި އޯޑިއޯ ކޮންފަރެންސް ކޮށްގެނެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މިހާތަނަށް މައުލޫމާތު ދެވިފައި ނުވަނީ ގދ.ތިނަދޫ، ވެސްޓްޕޯލްއިރު އަހްމަދު ސަލީމް އަށް ކަމަށާއި އުޅޭތަނެއް ނޭނގޭތީ ދެ ފަހަރެއްގެ މަތިން އޭނާއަށް ޗިޓް ހަވާލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ އެތަނުގެ ވެހިކަލެއްގައި ހުޅުޖަހައި ރޯކޮށްލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިމާރާތަށް ގެއްލުންދީ ކޯޓުގެ ބައެއްތަކެތީގައި ހުޅުޖަހައި އަދި ގދ.އަތޮޅު ކައުންސިލް އިދާރާގެ އިމާރާތަށައި މުދަލަށް ގެލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވެސް ދައުވާ އުފުލާފައިވާ އެ 89 މީހުންގެ ތެރޭގައި ހިމެނެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެރަށު މެޖިސްޓްރޭޓު ކޯޓުގެ އިތުރުން ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލުމުން ދިވެހި ދައުލަތަށާއި ގދ. އަތޮޅުގެ ރައްޔިތުންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ތިނަދޫ އެސްޓީއޯ ފިހާރައިގެ ކުރީގެ މެނޭޖަރު އެރަށު ލިލިއަންޕާކް މުހައްމަދު ނިޒާމް އާއި ތިނަދޫ ދިރާގު އޮފީހުގެ މެނޭޖަރު އެރަށު ޖައްވު މުހައްމަދު ލިރާރު އަލީ އާއި ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރު އެރަށު ފްލޯސްލައިޓް އަލީ ރިޔާޒުގެ އިތުރުން ބީއެމްއެލް ތިނަދޫ ބްރާންޗުގެ ލޯން އޮފިސަރު އެރަށު ފަސްޓްއެވެނިއު މުހައްމަދު އަލީ ވެސް ހިމެނެއެވެ.

މީގެ އިތުރުން ގދ. އަތޮޅު ކައުންސިލް މެންބަރު އަހްމަދު ގައިސު އާއި ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު އާއި ތިނަދޫ ކައުންސިލް މެންބަރުން ކަމަށްވާ ހައުލަތު އަލީ އާއި ކިނާނަތު މުހައްމަދު އާއި އަލީ ޝާމްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.