ރާއްޖޭއަށް ބޭނުންވަނީ "އިސްކޮޅާއި ހަމައަށް ބޮޑެތި ވާހަކަދައްކަވާ މީހުން ނޫން" ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ނަތީޖާ ނެރެދެއްވާ ލީޑަރުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖައްސަވާފައިވާކަން ރަސްމީކޮށް އިއުލާން ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ޔާމިނަކީ ކަންކަމުގައި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށާއި ރާއްޖޭގެ ރައީސް ކަމަށް ބޭނުންވަނީ ޔާމީން ކަހަލަ ނަތީޖާ ނެރެއްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"ނަތީޖާ ނެރުއްވާ ލީޑަރުން މިއަދު އަޅުގަނޑުމެނަށް ބޭނުންވަނީ. އިސްކޮޅަށް ވުރެ ބިޔަ ވާހަކަ ދައްކަވާ ބޭފުޅުންނެއްނޫން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ އެސްޓީއޯ އާއި ސްޓެލްކޯ އާއި އައިލެންޑް އޭވިއޭޝަނާއި އެނޫން ވެސް ސަރުކާރުގެ ކުންފުނިތަކާއި ހަވާލުވެވަޑައިގެން އެ ކުންފުނިތަކަށް ޔާމިން ބޮޑެތި ފައިދާތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.

ޔާމީނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގައި މަސައްކަތް ކުރެއްވި އިރު ވަޒީފާގެ އެކިއެކި ފުރުސަތުތައް އިތުރުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ޔާމިނަކީ ހިކުމަތްތެރި ބޭފުޅެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅުދައްކަވަމުން މިރޭގެ ޖަލްސާގައި ޑރ. ޖަމީލު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުނަށް ކޮށްދޭނެ ގިނަ ކަންތައްތަކެއް ވެސް ވިދާޅުވެދެއްވާފަ އެވެ.

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމާއި ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގާބިލުކަން ޔާމިންގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން 2010 ވަނަ އަހަރުން ފެށިގެން އުނިކުރި މުސާރަ ދިނުމަށް ކޯޓުތަކުން ހުކުމް ކުރުމުން ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެ ފައިސާ ދީފައި ނުވާ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި މިއަދު ކެންޕޭން ޖަލްސާތަކުގައި ވެރިކަން ލިބިވަޑައިގެންފިނަމަ އެ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން 2010 ވަނަ އަހަރުން ފެށިގެން އުނިކުރި ފައިސާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ފެށުނުފަހުން ދޭން ފަށާފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން ބޮޑުބައެއް އުނިކުރެއްވުމުން އެ ފައިސާ ދިނުމަށް ކޯޓުތަކުން ހުކުމް ކުރުމުން ވެސް އެ ފައިސާ ނުދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވާއިރު އެއީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރައްވާ ވެރިޔަކު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ އަދި މިހާރު ވެސް ވަޒީރުކަން ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ ހަގީގީ މާނައިގައި ރާއްޖެއަށް ތަރައްގީ ގެނެސް ދިވެހީންގެ ދިވެހިވަންތަ ކަމުގެ ސިފަ ގެނައުމަށް ބޭނުންނަމަ އެކަން ކުރެވެން އޮތީ ޕީޕީއެމާއި ގުޅިގެން ގުޅިގެންކަން އެމަނިކުފާނުގެ ތަޖުރިބާއިން އެނގުނު ކަމަށެވެ.

"ތިން ރައީސުންނާއި އެކު މަސައްކަތް ކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނު. އެހެން ނަމަވެސް އަޅުގަނޑުގެ އެ ތަޖުރިބާތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ޚާއްސަ ކަމަކަށް ފާހަގަ ކުރެވުނީ ރާއްޖެއަށް ހަގީގީ މާނައިގައި ތަރައްގީ ގެނެސް ދިވެހީންގެ ދިވެހި ވަންތަކަމުގެ ސިފަ ރާއްޖޭގައި ގާއިމުކުރަން ބޭނުން ކަމުގައި ވަނީ ނަމަ އެކަން ކުރެވެން އޮތީ އެއްވެސް ޝައްކެތްނެތް ގޮތުގައި ޕީޕީއެމްއާ ގުޅިގެން ކަން،" ޑރ. ޖަމީލް ވިދާޅިވި އެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ރައީސް މައުމޫން ވަނީ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަފުޅުދައްކަވާފަ އެެވެ.