10 May 2013, 00:34
ދިވެހިރާއްޖޭގެ އަޑުގެ އޭއެމް ފްރިކުއެންސީ ހުއްޓާލުމުގެ ނިންމުމަކީ ކެބިނެޓަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް އަޑު ހިންގާ ޕަބްލިކް ބްރޯޑްކާސްޓާ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން އެމްބީސީ ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ އަޑުގެ ޚިދުމަތް ދެމުން އަންނަތާ ބައި ގަރުނު ވެފައިވާ އޭއެމް ޗެނަލް، ހުއްޓާލުމަށް އަންގައި ރައީސް އޮފީހުން ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ކޮޕީއެއް އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ.
ކެބިނެޓަށް އެފަދަ ނިންމުމެއް ނިންމޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ދިވެހިރާއްޖޭގެ އަޑުގެ ފުރަތަމަ އޭއެމް ޗެނަލް، މީޑިއަމް ވޭވް 1449 މެގަހާޓްސް ފްރިކުއެންސީ ހުއްޓާލަން ޖެހިއްޖެނަމަ އެ ނިނިންމުން ނިންމާނީ އެމްބީސީން ކަމަށް ވެސް އިބްރާހީމް އުމަރު މަނިކު ވިދާޅުވި އެވެ.
"އެއީ ކެބިނެޓަށް ނިންމޭނެ ނިންމުމެއް ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން. ޗެނަލެއް ހުއްޓާލަން ވެއްޖެއްޔާ އެނިންމުން ނިންމާނީ އެމްބީސީއިން" އިބްރާހީމް އުމަރު މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭއެމް ޗެނަލް ހުއްޓާލައިފި ނަމަ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބެމުންދާ ރޭޑިއޯގެ ޚިދުމަތް މެދުކެނޑިގެން ދާނެ ކަމަށާއި ރާއްޖެ އުފެދިފައިވާ ގޮތުން އޭއެމް ނޫން އެހެން ފްރިކުއެންސީތަކުގައި ދެވޭ ރޭޑިޔޯގެ ޚިދުމަތް ހުރިހާ ސަރަހައްދުތަކަށް ލިބިގެން ނުދާ ކަމަށެވެ.
"އެފްއެމް މެދުވެރިކޮށް މުޅި ރާއްޖެއަށް ރޭޑިޔޯގެ ޚިދުމަތެއް ނުދެވޭނެ. އަޅުގަނޑުމެން އެކަން ތަޖުރިބާކުރިން 2004 ވަނަ އަހަރުގެ ސުނާމީގެ ތެރޭގައި ވެސް. އެމްބީސީގެ ގާނޫނީ ޒިންމާއެއް ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ގޮތަށް ރޭޑިޔޯގެ ޚިދުމަތް ދިނުމަކީ" އިބްރާހީމް އުމަރު މަނިކު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ ފުރަތަމަ އޭއެމް ޗެނަލް، މީޑިއަމް ވޭވް 1449 މެގަހާޓްސް ފްރިކުއެންސީ ހުއްޓާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ މިމަހުގެ ކުރީކޮޅު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.
އެބައްދަލުވުމުގައި އޭއެމް ޗެނަލް ހުއްޓާލަން ނިންމައި، ހުއްޓާލުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުން ކޮމިއުނިކޭޝަން އެންޑް ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.