ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައަޅުއްވައި އިއުލާން ކުރައްވައިފި އެވެ.

ޕީޕީއެމްގެ ރަނިން މޭޓްގެ ނަން މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި އިއުލާން ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ގައުމީ ޕާޓީގެ ކުރީގެ ނައިބު ރައީސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިރޭ ވިދާޅުވީ އެމަނިކުފާނަކީ މިހާރު ޕީޕީއެމްގެ މެންބަރެއް ކަމަށާއި ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެ ޕާޓީއަކީ ރައްޔިތުނަށް އެންމެ އިހްލާސްތެރި ޕާޓީ ކަމަށް ވާތީ ކަމަށެވެ.

ޖަމީލު ވިދާޅުވިގޮތުގައި އެމަނިކުފާނު ފަދަ މީހަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުކަން ދެއްވުމުން އެއިން ރަމްޒު ކޮށްދެނީ ޕީޕީއެމް އަކީ ކޮންމެ ދިވެއްސެއްގެވެސް ޕާޓީ ކަމެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުކަން ހަވާލުކުރި ކަމުގެ ލިޔުން ޖަމީލަށް އަރުއްވާފައިވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.

މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމިން ވިދާޅުވީ އޭނާގެ ރަނިންމޭޓަކު އިހްތިޔާރު ކުރެއްވުމުގައި ބެއްލެވީ ތައުލީމީ އަދި ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކު އިހްތިޔާރު ކޮށްދެއްވުމަށް ކަމަށެވެ.

ޕީޕީއެމްގެ ރަނިންމޭޓްކަމާ ޑރ. ޖަމީލު ހަވާލުވެވަޑައިގެންފައި މިވަނީ އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ނަމަ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާ އިރު، ރައިވަލް ކެންޑިޑޭޓްގެ ރަނިންމޭޓް ކެބިނެޓްގެ އެއް ފަރާތުގައި އިންނަވައިގެން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށެވެ. އޭރުން ސީދާ ކޮންފިލްކްޓް އޮފް އިންޓަރެސްޓާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެން ކަމައާ އެކު ޖަމީލާ އެ ވާހަކަ ދެއްކެވީ އެ ނިޔަތުގައި ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ޖަމީލުގެ މަގާމާ ބެހޭ ގޮތުން ސަރުކާރުން އަދި އެއްވެސް ނުނިންމަވާ ކަމަށާއި ނަމަވެސް އެކަން ނިންމަވާނީ ޖަމީލު އަމަލުކުރައްވާ ގޮތަކުން ހަފުތާ ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ކަމަށެވެ.

ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރުކަމަކީ ވަރަށް ތަފާތު ދެ މިނިސްޓްރީ ކަމަށާއި އެ ދެ މިނިސްޓްރީ ހިންގަވާ ބޭފުޅުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލޯޔަލްޓީ އޮންނަން ޖެހޭނެ ކަމަށެވެ.