ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ އިތުރުން ޖުޑީޝަރީގެ މިނިވަންކަމާ ބެހޭ އދ.ގެ މަންދޫބު ގެބްރިއެއްލާ ނައުލްސްގެ ހުށަހެޅުންތަކަށް އަމަލީ ސިފައެއް ގެނައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސިޔާސީ ކަންކަމާ ބެހޭ އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފާނެންޑޭޒް ޓެރެންކޯ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުން މިއަދުގެ ނިޔަލަށް ރާއްޖެ އަށް ކުރެއްވި ހާއްސަ ދަތުރުފުޅު ނިންމަވާލައްވަމުން، ޓެރެންކޯ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް ފިނިކަމެއް ގެނައުމަށް ޓަކައި ވަރަށް މުހިއްމު ދުވަސްކޮޅެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ހުރިހާ ފަރާތްތަކަށް ވާދަކުރެވޭ، މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރުމަށް ޓެރެންކޯ ގޮވާލެއްވި އެވެ.

"ކޯނީގެ ހުށަހެޅުންތައް ވަރަށް މުހިއްމު. ރާއްޖޭގެ ގިނަ ދާއިރާތަކަކަށް ގެންނަށް ޖެހޭ އިސްލާހުތައް އޭގައި އެބަހުރި ބަޔާންކޮށްފައި. މިސާލަކަށް ސަލާމަތީ ހިދުމަތްތައް އަދި ޝަރުއީ ދާއިރާވެސް ހިމެނޭ. ހަމަ މިއާ އެއް ގޮތަށް ޖުޑީޝަރީ އަދި އަދުލް އިންސާފު ގާއިމުކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އދ.ގެ ހާއްސަ ރެޕަޓުއާގެ ހޯދުންތަކުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރަން މަސައްކަތް ކުރަން ޖެހޭ." ޓެރެންކޯ ވިދާޅުވި އެވެ.

ޓެރެންކޯގެ މިދަތުރުފުޅުގައި ވަނީ ރާއްޖޭގެ ސަރުކާރާއި ޖުޑީޝަރީއާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ.

އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ޖުޑިޝަރީއާއި ޖުޑީޝަލް ސާވިސަސް ކޮމިޝާއި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އެ މުއައްސަސާތަކުގެ ދައުރު ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވަވާފައިވާ ކަމަށް ޓެރެންކޯ ވިދާޅުވި އެވެ.