ސިޔާސީ އެހެން ޕާޓީއެއްގެ ރަނިން މޭޓެއްގެ ގޮތުގައި ވަޑައިގަންނަވާ ނަމަ، އަދި އެފަދަ މަގާމެއް އިހްތިޔާރު ކުރެއްވުމުގެ ކުރިން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާ އަށް އަންގަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ވިދާޅުވީ ޑރ. ޖަމީލާއި ރައީސް އޮފީހުގެ އިސް އޮފިޝަލުންނާ ދެމެދު އެ ކޮމިއުނިކޭޝަން ބަދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އެއީ ބޮޑަށް އިރުޝާދެއްގެ ގޮތުގައި ދެންނެވުނު ވާހަކައެއް ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ އިރު، ރައިވަލް ކެންޑިޑޭޓްގެ ރަނިންމޭޓް ނޫނީ ކެންޑިޑޭޓް ކެބިނެޓްގެ އެއް ފަރާތުގައި އިންނަވައިގެން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށެވެ. އޭރުން ސީދާ ކޮންފިލްކްޓް އޮފް އިންޓަރެސްޓާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެން ކަމައާ އެކު ޖަމީލާ އެ ވާހަކަ ދެއްކެވީ އެ ނިޔަތުގައި ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ޖަމީލުގެ މަގާމާ ބެހޭ ގޮތުން ސަރުކާރުން އަދި އެއްވެސް ނުނިންމަވާ ކަމަށާއި ނަމަވެސް އެކަން ނިންމަވާނީ ޖަމީލު އަމަލުކުރައްވާ ގޮތަކުން ހަފުތާ ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ކަމަށެވެ.

ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރުކަމަކީ ވަރަށް ތަފާތު ދެ މިނިސްޓްރީ ކަމަށާއި އެ ދެ މިނިސްޓްރީ ހިންގަވާ ބޭފުޅުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލޯޔަލްޓީ އޮންނަން ޖެހޭނެ ކަމަށެވެ.

ޑރ. ޖަމީލު ފޯނަށް ޖަވާބު ނުދެއްވާތީ އެ މަނިކުފާނުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވަރަށް ގިނަ ފަރާތްތަކުން ބުނަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް މިރޭ އިއުލާން ކުރައްވަނީ ހޯމް މިނިސްޓަރު ޖަމީލު ކަމަށެވެ.