25 Oct 2010, 06:37
އެމްއެންޑީއެފުން ހަތިޔާރާ އެކު ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑއެފް) އިން ބުނީ އިއްޔެ ފެށި މި ތަމްރީނު ތައް މިމަހުގެ 28 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ތަމްރީނުތައް ފަށާފައި ވަނީ، އެމްއެންޑީއެފުން ބުނި ގޮތުގައި، އިއްޔެ ރޭ ފަތިހު ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި ހުރިހާ ސިފައިން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު އެވެ. ތަމްރީންތަކުގައި މާލެ އާއި މާލެކައިރި ސަރަހައްދުގެ އެއްގަމާއި ކަނޑުގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. "އެކްސަސައިޒް ހޭވައްލާ" އަދި "އެކްސަސައިޒް ރަންނަމާރި ހަންޓް"ގެ ނަމުގައި ކުރިއަށްގެންދާ މިތަމްރީންތައް ކުރިއަށްދާއިރު، ބްލޭންކްސް ފަދަ އަސްކަރީ ތަމްރީންތަކުގައި ބޭނުންކުރާ ޓްރޭނިން ސިމިއުލޭޓަސް ބޭނުންކުރާ ގޮތަށް ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ހިންގަމުންދާ މިތަމްރީންތަކުގައި ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި އާންމުންނަށް ގެއްލުން ލިބޭނޭ އެއްވެސް އާލާތެއް ބޭނުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.