09 May 2013, 20:43
އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ ދައުރު ހަރުދަނާކުރުމުގައި އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ޖަމިއްޔާތަކަށް 2.5 މިލިއަން ޑޮލަރު (39 މިލިއަން ރުފިޔާ) ހަދިޔާކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ލަންކާގައި ހުންނަވާ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމް (އައިއެފްއީއެސް) މެދުވެރިކޮށް، އެ ޖަމިއްޔާގެ ރާއްޖޭގެ ޕާޓްނަރުންނާ އެކު ހިންގާ ޕްރޮގްރާމަކީ 18 މަސް ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމްގެ ދަށުން މި އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ޔަގީންކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.
އައިއެފްއެސްއާ ގުޅިގެން މިޕްރޮގްރާމް ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައި ވަނީ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ރާއްޖެ ފައުންޑޭޝަނުން ގުޅިގެން ކަަމަށް މައުލޫމާތު ލިބެ އެވެ.
މިޕްރޮގްރާމްގެ ދަށުން ވޯޓުލާ މީހުންގެ ހައްގުތަކާއި ޒިންމާތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމަށާއި ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުންތައް ކުޑަކުރުމަށާއި އިންތިހާބުގެ ޕްރޮސެސްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
މިޕްރޮގްރާމްގެ މަސައްކަތް ރޭވުމަށްޓަކައި އައިއެފްއީއެސްގެ އޮފިޝަލުން މިމަހުގެ މެދުތެރޭގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމްގެ ކަންކަން ފަށާނީ ޖޫން މަހުގައި ކަމަށް އެމެރިކާ އެމްބަސީއިން ބުނެ އެވެ.