09 May 2013, 18:23
އައްޑޫ ސިޓީގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެ ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ ރައިހާނުގޭ އަބްދުﷲ އުނައިސްގެ މައްޗަށެވެ. އެ މައްސަލައިގައި އެރަށު ރީތިގަސްދޮށުގޭ އިބްރާހީމް ޝަޒުލީލްގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރި އެވެ. ނަމަވެސް ހެކި ލިބިފައި ނިވާތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އުނައިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ސ. މަރަދޫ ޖުވޭސް ކެފޭ ކުރިން ހިންގިތަނުން އުނައިސް ހައްޔަރުކޮށް އޭނާގެ ފަޓުލޫނުގެ ޖީބު ޗެކްކުރި އިރު މަސްތުވާތަކެތި ފެނިފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ އުނައިސްގެ ޖީބުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު 21.537 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
"...ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އަބްދުﷲ އުނައިސް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން އަބްދުﷲ އުނައިސް އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކޮށް، މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަބްދުﷲ އުނައިސް އަށް އަންގައި މި މައްސަލައިގައި ދައުވާ ލިބޭ އިބްރާހީމް ޝަޒުލީލްގެ މައްޗަށް ދައުވާ ސާބިތުކުރެވޭ ވަރުގެ ކާފީހެކި، ގަރީނާ ލިބިފައި ނުވާތީ، އިބްރާހީމް ޝަޒުލީލްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެމަތިން ހުކުމް ކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.