އިސްރާއީލުގެ ރިޔާސީ މަހާސިންތާ އަށް ވަޑައިގަތުމަށް ފިޒިކްސްގެ އިލްމަށް މަޝްހޫރު ސައިންޓިސްޓް ސްޓީވަން ހޯކިން ދެކޮޅުހައްދަވައިފި އެވެ.

ޖޫންމަހުގެ ފަހުކޮޅުގައި އިސްރާއީލުގެ ރައީސް ޝިމޯން ޕެރޭޒް ބާއްވަވާ "އިސްރާއީލީ ޕްރެޒިޑެންޝަލް ކޮންފަރެންސް"އަށް ވަޑައިގަތުމަށް ދައުވަތު ދެއްވުމުން ހޯކިންގް ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ. އެހެން ނަމަވެސް އޭގެ ހަތަރު ހަފްތާ ފަހުން އޭނާ ވަނީ އެ މަހާސިންތާއަށް ވަޑައިގަތުމުގެ ވިސްނުންފުޅު ބަދަލު ކުރައްވައިފަ އެވެ.

ޔުނިވަސިޓީ އޮފް ކެމްބްރިޖްގެ ޕްރޮފެސަރެއް ކަމަށްވާ ޓިމް ހޯލްޓް ވިދާޅުވެފައި ވަނީ ހޯކިންގެ އެ ނިންމެވުމަކީ އޭނާ އާލާސްކަންފުޅާ އުޅުއްވާތީ ނިންމެވި ނިންމެވުމެއް ކަމަށެވެ.

އެހެން ނަމަވެސް ބްރިޓިޝް ކޮމިޓީ ފޯ ދަ ޔުނިވާސިޓީސް އޮފް ފަލަސްތީންގެ ފަރާތުން ހޯކިންގެ އިޒުނަފުޅާ އެކު ނެރުނު ބަޔާނެއްގައި ބުނެފަވަނީ އެ މަހާސިންތާ "ބޮއިކޮޓް" ކުރެއްވުމަށް ހޯކިން ނިންމެވި އެ ނިންމެވުމަކީ، ފަލަސްތީނާ ދޭތެރޭގައި އިސްރާއިލުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި، ފަލަސްތީނާ ގުޅޭގޮތުން އޭނާ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކާއި އަދި އޭނާއާ އެކު މަސައްކަތް ކުރައްވާ ގާތްބޭފުޅުންގެ ލަފަޔާ އެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

އިސްރާއީލްގެ ރައީސްގެ ދައުވަތު ފުޅު ގަބޫލުފުޅުކުރައްވައި ޖޫންމަހު ބާއްވާ މަހާސިންތާގައި ބައިވެރިވާ ދުނިޔޭގެ މަޝްހޫރު ޝަހުސިއްޔަތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަންއާއި ރަޝިޔާގެ ކުރީގެ ބޮޑުވަޒީރު މިޚާއިލް ގަރުޗޯފާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބުލެއާ ހިމެނިވަޑައިގަންނަވާނެ އެވެ. އަދި އެތައް ހާސްބައެއްގެ ޝައުގުވެރިކަން ލިބޭނޭ ކަމަށް ބުނާ އެ މަހާސިންތާގައި ޕެރޭޒްގެ 90 ވަނަ އުފަން ދުވަސް ވެސް ފާހަގަ ކުރައްވާނެ އެވެ.

މަހާސިންތާގެ ޗެއާމަން އިސްރާއީލް މައިމޫން ވިދާޅުވެފައި ވަނީ ހޯކިންގެ އެ ނިންމުމަކީ "އެއްވެސް ގޮތަކަށް ހަމަނުޖެހޭ ގޯސް ނިންމުމެއް" ކަމަށެވެ. އިސްރާއީލާ ދެކޮޅަށް ހިންގޭ "އިލްމީ އެކަހެރި ކުރުމުގެ" ހަރަކާތްތަކަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަންތައްތަކެއް ނޫން ކަމަށާއި އަދި އެފަދަ އެކަހެރި ކުރުންތަކަކީ މިޒަމާނުގެ މިނިވަން ޑިމޮކްރަސީއާ މުޅިން ތަޢާރަޒްވާ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފެއާ ޕްލޭ ގްރޫޕުގެ ތަރުޖަމާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެ މަހާސިންތާގައި ބައިވެރިވެވަޑައި ނުގަތުމަށް ހޯކިން ނިންމެވި ނިންމެވުމަކީ އޭނާ ދޫކޮށްލައްވާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށާއި އޭގެ ބަދަލުގައި އެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައި ސަރަހައްދީ އަރައިރުންތަކާއި ސިޔާސަތުތަކާ ދޭތެރޭގައި އޭނާގެ ސިޔާސަތުތައް ހާމަކުރައްވައި، އޭނާ ދެއްވަން ބޭނުންފުޅުވާ މެސެޖެއް ދެއްވުމުން އޭގެ ފައިދާ ހުރިހާ ފަރާތަކަށް ވެސް ލިބިގެން ދާނެ އެވެ. އެހެންކަމުން ހޯކިންގެ އެ ނިންމެވުމުގެ ސަބަބުން އެހެން އެއްވެސް ފަރާތަކަށް ފައިދާއެއް ނުކުރާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެފަން ހޯކިން ވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އިސްރާއީލަށް ޒިޔާރަތް ކުރައްވާފަ އެވެ. އެގޮތުން އެންމެ ފަހުން އެގައުމަށް އޭނާ ވަޑައިގަތީ އިސްރާއީލާއި ފަލަސްތީނުގެ ޔުނިވާސިޓީތަކުގައި ތަގުރީރު ކުރެއްވުމަށެވެ.