09 May 2013, 15:57
އާސަންދައިގެ އެހީގައި ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ލިޔުމެއް ދިނުމަށް އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުންގެ ޑިޕާޓްމަންޓްގެ ތެރެއަށް ބަޔަކު ވަދެ އިއްޔެ ބިރު ދެއްކި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގައި ދާއިމީ ގޮތެއްގައި ފުލުހުންގެ ސެކިއުރިޓީ ހަމަޖައްސުމަށް އެދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން އެ ހޮސްޕިޓަލްގައި ބައިތިއްބުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ފުލުހުންނާ އެކު ވެސް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި އެކަން ރަސްމީކޮށް ފުލުހުންނަށާއި ހޯމް މިނިސްޓްރީ އަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ ކަށީގެ ޑޮކްޓަރުންގެ ޑިޕާޕްމަންޓަށް ދިން ފަދަ އިންޒާރުތަކެއް މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ދިމާވެފައިވާ ކަމަށެވެ.
"މިކަހަލަ މައްސަލަތައް ކުރިން ވެސް ދިމާވެފައި ވަނީ ޑޮކްޓާރުންނާއި ނަރުހުންނާއި ވޯޑްތެރޭގެ އެހެނިހެން ސްޓާފުންނަށް ވެސް،. މީގެ ކުރިން މިތަނުގައި އޮތް ޕޮލިސް ޕޯސްޓެއް، ނަމަވެސް އެބޭފުޅުންނަށް ދިމާވި ދަތިތަކާ ހުރެ މިހާރު ނުތިބޭ،" ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުންތަކެއް އެ ޑިޕާޓްމަންޓް ތެރޭގައި ތިއްބައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ވަދެ ހިދުމަތް ދިނުން ހިއްޓާލާފައިވީ ނަމަވެސް، އިމަޖެންސީ ހާލަތްތަކުގަ އާއި ވޯޑްތަކުގައި ހިދުމަތް ދެމުން ގެންދާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
"އިއްޔެގެ ދިމާވި ހާލަތާ ގުޅިގެން ހިދުމަތް ދިނުން ހުއްޓާލީ ހަމައެކަނި އޯޕީޑީގައި، އިމަޖެންސީ އޭރިޔާގައި މަސައްކަތް މިހާރު ވެސް ކުރައްވާ އެބަ." ޒީނަތު ވިދާޅުވި އެވެ.