09 May 2013, 15:16
ޕީޕީއެމްގެ ޓީވީ ޗެނަލެއް މި މަހުގެ ތެރޭގައި ވުޖޫދަށް އަންނާނެ ކަމަށް އެ ޕާޓީން ބުނެފައިވަނިކޮށް، ސިޔާސީ އެއްވެސް ޕާޓީއަކަށް ރޭޑިއޯ ޓީވީ ހެދުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުން މިހެން ބުނެފައި ވަނީ ޕީޕީއެމުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ގެނެސް ދިނުމަށް މިމަހުގެ ތެރޭގައި ޓީވީ ޗެނަލެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަން އިޢުލާންކޮށްފައި ވަނިކޮށެވެ.
ބްރޯޑް ކާސްޓިންގް ކޮމިޝަނުންކޮށްފައިވާ ޓުއީޓެއްގައި ބުނެފައި ވަނީ ރޭޑިއޯ ޓީވީ ހިންގުމުގެ ލައިސަންސް އެކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއަކަށް ދީފައިނުވާނެ ކަމަށާއި އެކަމަކީ ބްރޯޑްކާސްޓް ކުރުމާ ބެހޭ ގާނޫނު ހުއްދަކުރާ ކަމެއް ވެސް ނޫން ކަމުގަ އެވެ.
ބްރޯޑްކާސްޓިން ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ޝަރުތު ލިބެން ޖެހޭ ފަރާތްތަކަކީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ކުންފުންޏެއް، ވަކި ގާނޫނަކުން އުފައްދާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓިއެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
އެ ޓީވީ ނުވަތަ ރޭޑިއޯ ހިންގުމުގެ ލައިސަންސް ލިބޭ ކުންފުންޏަކީ ވަކި ސިޔާސީ ޕާޓީއެއް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
ނަމަވެސް ސިޔާސީ ޕާޓީއެއް، ޓީވީ ޗެނަލަކުން ނުވަތަ ރޭޑިއޯއަކުން ކުރިއެރުވުމަކީ ކޮބައިތޯ ދެންނެވުމުން ބްރޯޑްކާސްޓިންގެ ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ ވިދާޅުވީ ޗެނަލްތަކަށް ލައިންސަންސް ދޭއިރު އަބަދުވެސް އަމަލު ކުރަނީ ގާނޫނުގައި ބުނާ ސަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށެވެ. އަދި ޗެނަލަކުން ކޮންޓެންްޓްތައް ގެނެސްދިނުމުގައި ވެސް އެ ގާނޫނާ ހިލާފުވާ ނަމަ އެކަމެއް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏެއް ވެއްޖެއްޔާ އޭގެ މަގުސަދުތަކުގައި ވެގެން ނުވާނެ ވަކި ޕާޓީއެއް ކުރިއަރުވާ ބަޔަކަށް. ނަމަވެސް އެކިއެކި އެޗަނަލްތަކުން ކޮންޓެންޓްތަކުގައި ނަގާ އޭންގަލްތައް ތަފާތު ވެދާނެ. އެކަމާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ހުރިހާ ބްރޯޑްކާސްޓަރުން ވެސް އެއްބަސް ވެގެން ހަދާފައި މި އޮންނަ ކޯޑް އޮފް ކޮންޑަކްޓާއި ގާނޫނާއި ހިލާފު އެއްވެސް ކޮންޓެންޓް އެއް ފޮނުވާ ނަމަ އެ މައްސަލައެއް އަޅުގަނޑުމެން ބަލާނަން،" ނޫރާ ވިދާޅުވި އެވެ.
ޕީޕީއެމުން އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ޓީވީ ޗެނަލް ހިންގުމަށް ހަަމަޖައްސާފައި ވަނީ ކޮން ކުންފުންޏެއްގެ ދަށުން ކަމެއް ޕީޕީއެމަކުން ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އެ ޕާޓީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ ޓީވީ ޗެނަލް މި މަހުގެ 20ގައި ވުޖޫދަށް ގެނައުމަށް ފަހު އެންމެ ފުރަތަމަ ފެންނާނީ ހަމަ އެކަނި މާލެ އަށް ކަމަށާއި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އެ ޓީވީ ފެންނާނެ ކަމަށް އެޗަނަލްއާ ބެހޭ ގޮތުން މައުލޫމާތރު ދެއްވަމުން އެ ޕާޓީގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހަސަން މަނިކު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ޗަނަލުން ފެންނާނީ އެ ޕާޓީގެ ސިޔާސީ މަސައްކަތްތަކާއި ދުވަހުން ދުވަހަކަށް ޕާޓީން ކުރިއަށް ގެންދާ ހަަރަކާތްތައް ވެސް އެ ޗެނަލުން ގެނެސްދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވުފަ އެވެ.