"އިސްލާމް ދީނުގެ ދިފާއުގައި ދިވެހީން" މިނަމުގައި އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ދައްކާފައިވާ ވާހަކައިގެ ސީޑީގެ އިޝްތިހާރު ދެއްކުމަށް ޖަމްއިއްޔާއަކުން ހުށަހެޅުމުން ފައިސާ ބަލައިގަތުމަށް ފަހު އެ އިޝްތިހާރު ދެއްކޭން ނެތް ކަމަށް ރާއްޖެ ޓީވީން އެ ޖަމްއިއްޔާ އަށް އަންގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މަހަލްދީބް ފައުންޑޭޝަންގެ ސެކްރެޓަރީ އަބްދުﷲ ޔަޒީދު ވިދާޅުވީ އިލްޔާސް ދައްކާފައިވާ ވާހަކަތަކުގެ ސިޑީގެ 30 ސިކުންތުގެ އިޝްތިހާރެއް ދެއްކުމަށް ރާއްޖެ ޓީވީ އަށް ފައިސާ ދެއްކުމުން ފައިސާ ވެސް ބަލައިގަތް ކަމަށެވެ. އަދި އެ އިޝްތިހާރު ނުދައްކައިގެން ޝަކުވާ ކުރުމުން ދެން އަންނަ ރެއެއްގައި އެ އިޝްތިހާރު ދައްކާނެ ކަމަށް އެތަނުން ބުނި ކަމަށާއި ނަމަވެސް އެ އިޝްތިހާރު ނުދެއްކުމުން އެތަނަށް ގޮސް އެކަމާ ސުވާލުކުރުމުން އެ އިޝްތިހާރު ދައްކަން ވަގުތު ނެތް ކަމަށް ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ޓީވީއަކުން ނުބުނޭ އެއީކީ ގާނޫނާއި ގަވާއިދާ ޚިލާފު އިޝްތިހާރެކޭ. އެތަނުން ދައްކާނަމޭ ބުނީ ރޭ އިޝްތިހާރު ނުދެއްކުމުން އަޅުގަނޑުމެން އެކަމާ ސުވާލުކުރުމުން ދެން ބުނީ ތިމަންނަމެންގެ ވަގުތު ނެތޭ،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިޝްތިހާރު ދެއްކުމަށް ރާއްޖެ ޓީވީން ދެކޮޅު ހެދި ނަމަވެސް ޓީވީއެމް އިން އެ އިޝްތިހާރު ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ އިޝްތިހާރު ދި ޓީވީ އިން ވެސް ދައްކަ އެވެ.


އެކަމާ ބެހޭ ގޮތުން ސުވާލުދެންނެވުމުން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ އެ ޖަމްއިއްޔާގެ އަތުން ޕޭމަންޓް ނެގި އިރު އިޝްތިހާރު ލިބިފައި ނުވާ ކަށެވެ. އަދި އެގޮތަށް އަމަލު ކުރީ އެކަންތައް އަވަސް ކުރުމަށް އެ ޖަމްއިއްޔާ އިން ބޭނުންވާތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ އިޝްތިހާރު ނުދެއްކޭނެ ކަމަށް އެންގުމަށް ފަހު އެޖަމްއިއްޔާ އިން ދެއްކި ފައިސާ ވެސް ރީފަންޑުް ކޮށްދީފައިވާނެ ކަމަށެވެ.

"ޕޭމަންޓް ނެގި އިރު އަޅުގަނޑުމެންނަށް އިޝްތިހާރެއް ނުލިބޭ. އެ އިޝްތިހާރު އެކޮޅުން ނިމުނީމާ ދެއްތޯ މިކޮޅަށް ގެންނާނީ. އެބޭފުޅުން އަވަސް އަރުވާލާފަ ހުރީމާ، އަޅުގަނޑުމެން އަބަދުވެސް ނޮޓިފައި ކޮށްދެން އަޅުގަނޑުމެން އިޝްތިހާރު ބަލާ ވާހަކަ. އަޅުގަނޑުމެން ބަލާލާފައި އަޅުގަނޑުމެންނަށް ދެއްކެން ނެތީމަ އޭގައި ރިފަންޑާ އެއްކޮށް ދެއްތޯ އެއޮތީ،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް މަހަލްދީބު ފައުންޑޭޝަނުގެ ސެކްރެޓަރީ ޢަބްދުﷲ ޔަޒީދު ވިދާޅުވީ އިޝްތިހާރު ނުދައްކާނެ ކަމަށް އެންގުމަށް ފަހު އަދި ފައިސާގެ ރިފަންޑް ވެސް ރާއްޖެ ޓީވީން ނުދޭ ކަމަށެވެ.

އެ އިޝްތިހާރު ރާއްޖެ ޓީވީން ނުދެއްކީ ކީއްވެގެންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އެ އިޝްތިހާރަކީ އެތަނުގެ ޕޮލިސީ އާއި ރާއްޖޭގައި ހެދިފައި ހުރި ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ދެއްކޭވަރުގެ އިޝްތިހާރެއް ނޫން ކަމަށެވެ. އެހެންކަމުން އެ އިޝްތިހާރު ދެއްކެން ނެތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ނަަމަވެސް ހިލާފު ވަނީ ކޮން ގާނޫނަކާ ކަމެއް އަދި ގަވާއިދެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެ އިޝްތިހާރު އެގޮތަށް ދޫކޮށްލާފައި އެ ހުރީ އަޅުގަނޑުމެން ޓީވީން ދެއްކުމަށް އަޅުގަނޑުމެން އެޑްޓޯރިއަލް ޕޮލިސީ އާއި އަދި ހަމައެހެންމެ ރާއްޖޭގެ ހެދިފައި ހުރި ގާނޫނާ ގަވާއިދުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ދެއްކެން ނެތީމާ. ޓީވީން ދައްކާ ކޮންމެ އެއްޗަކީ އަޅުގަނޑުމެން އެއަށް ޒިންމާ ވާންޖެހޭ އެއްޗެއް. ގާނޫނީ ގޮތުން އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ނުދެއްކީ،" ޔާމީން ވިދާޅުވި އެވެ.

އެ އިޝްތިހާރުގައި ހިމަނާފައި ވަނީ އިލްޔާސް ދައްކާފައިވާ ވާހަކައިގެ އަޑުކޮޅެކެވެ. އެ އިޝްތިހާރުގައި އިލްޔާސް ވިދާޅުވެފައި ވަނީ ދިވެހި ގައުމުގެ ތަޚުތަށް އައި ބޭފުޅަކަށް ފޯނު ކޮށްފައި ހެޔޮނުވާނޭ ގައުމާ މުޚާތަބު ކުރާއިރު އެންމެ މަދުވެގެން ރަސޫލާ އަށް ހަމްދުކުރަމޭ ވިދާޅުވުމަށް އޭނާ އެދުމުން "އެކަލޭގެ" މައްޗަށް ތިމަންނާ ސަލަވާތް ކިޔަވަން ނުޖެހޭނެ ކަމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށެވެ.

"ދިވެހިގައުމުގެ ތަޚުތަށް އައި ބޭފުޅަކަށް މި އިލްޔާސް ހުސައިން ފޯނު ކޮށްފައި ބުނިން ހެޔޮނުވާނޭ ގައުމާ މުޚާތަބު ކުރާއިރު އެންމެ މަދުވެގެން ރަސޫލާ އަށް ހަމްދުކުރަމޭ ސަލަވާތްކިޔަވާށޭ ބުނާށޭ. [ބުނުމުން އެބޭފުޅަކު ވިދާޅުވި] 'އެކަލޭގެ' މައްޗަށް މަ ނުޖެހޭނޭ ސަލަވާތް ކިޔަވަން މިއީ ކާކުތޯ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.