ރާއްޖޭގައި މަސްތުގެ ވަބާގައި ޖެހި މަގު އޮޅެމުންދާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު އެ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ޓަކައި ބައިތިއްބާނެ ޖާގަ ރާއްޖޭގެ ރީހެބް ތަކުގައި ނެތް ކަމަށާއި، އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އަމިއްލަ ފަރާތްތަކަށް ރީހެބްތައް ހިންގުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލެވިގެން ކަމަށް ރާއްޖޭގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މައި ޖަމިއްޔާ ކަމަށްވާ ޖާނީން ބުނެފިއެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ފުރަތަމަ މަރުހަލާގެ ޖާގަ ފުރިފައި ވާތީ ފަރުވާއަށް ޝަރުތު ހަމަވާ 24 މީހަކު ޖަލަށް ގެންދާން ދާދި ފަހުން ވެސް ޑްރަގް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިންމަފުށީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގައި ހުންނަނީ މުޅިއެކު ގާތްގަނޑަކަށް 160އެއްހައި ކުދީންގެ ޖާގައެވެ.

ޖާނީގެ ސީއީއޯ މުހައްމަދު ޝުއައިބު "ސަން" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ކޯޓުން ފަރުވާއަށް ހުކުމް ކުރާ ކުދީންގެ އިތުރުން އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލައަށް އެދިގެން ފަރުވާ ހޯދަން އަންނަ ކުދީންނަށް ވެސް ސެންޓަރަށް ދިއުމުގެ ފުރުސަތު ނުލިބި ރަށުތެރޭގައި ބޯން އުޅެނިކޮށް ވަރަށް ދެރަ ގޮތްތައް ވެސް ދިމާވެފައި އެބަހުރި ކަމަށާއި، މިއަދު ރާއްޖޭގައި ފަރުވާގެ ފުރުސަތު މިހާ ހަނިވެފައި މި އޮތީ ޕްރައިވަޓައިޒު ކުރުމުގެ ސިޔާސަތު މަޑުޖެހިފައި އޮތުމުގެ ސަބަބުން ކަމަށެވެ.

"ރާއްޖޭގައި އެންމެ ފަހުން ހެދި ސައިންޓިފިކް ދިރާސާއިން ދައްކާ ގޮތުގައި މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން 65 ޕަސެންޓް މީހުންނަކީ ކޮންމެ ވެސް ފަރުވާއެއްގެ ތެރެއިން ނޫނީ ރަނގަޅު ނުކުރެވޭނެ މީހުން. އަނެއްކަ މިއަދު ގާނޫނުން އެބަ ލާޒިމް ކުރޭ އެމީހުންނަށް ފަރުވާ ދޭން. ދެން ޑްރަގް ގާނޫނު ވުޖޫދަށް އުފަންވީ އިރަށް އަޅުގަނޑުމެން އެންޑީއޭގައި ވެސް އަދި އެހެން ތަންތަނުގައި ވެސް ބުނަމުން މި އަންނަނީ ވީހާވެސް އަވަހަކަށް ޕްރައިވްޓައިޒް ކުރުން، ވީހާވެސް އަވަހަކަށް ހުޅުވާލަން،" ޝުއިބު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ އަންހެންކުދިން ވެސް އިތުރުވަމުންދާ އިރު އަންހެން ކުދީންނަށް ފަރުވާ ދޭނެ ސެންޓަރެއް ނެތްކަން ފާހަގަ ކުރައްވަމުން ޝުއައިބު ވިދާޅުވީ އަމިއްލަ ފަރާތްތަކާ ސެންޓަރުތައް ހިންގާން ހަވާލު ކުރުމުން އެކަންވެސް ހައްލުވާނެ ކަމަށެވެ.

ކ. ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރުގެ ޖާހަތައް ފުރިފައިވާތީ މި ދުވަސްކޮޅު އެ ސެންޓަރަށް މީހުން ގެންދެވޭން ނެތް ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންވެސް ވަނީ ޑްރަގް ކޯޓަށް އަންގާފައެވެ.