ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މި މަހު އިއުލާނު ކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދިވެހި ރާއްޖެ އެއް ދަރަޖަ ދަށަށް ހިގައްޖެ އެވެ. ނަމަވެސް ރާއްޖެ އަދިވެސް އޮތީ ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 159 ވަނަ މަގާމްގައެވެ.

ފީފާއިން މިއަދު އިއުލާން ކުރި މިމަހުގެ ރޭންކިން ލިސްޓަށް ބަލާއިރު ސަރަހައްދުގެ އެއް ވަނަ މާމްގައި އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު އަފްގާނިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން އޮތީ 140 ވަނަ މަގާމްގައެވެ.

ރޭންކިންގައި އިންޑިއާ މިފަހަރު އެއް ދަރަޖަ ވެއްޓުނު ނަމަވެސް، ސަރަހައްދުގެ ދެވަނައިގައި އަދިވެސް އޮތީ އިންޑިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 150 ވަނައިގަ އެވެ.

ސަރަހައްދުގެ ތިން ވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. އަދި ދުނިޔޭގެ ރޭންކިންގައި ބަންގްލަދޭޝް އޮތީ 154 ވަނައިގަ އެވެ.

ރާއްޖޭގެ ފަހަތުން ސަރަހައްދުގެ ފަސް ވަނައިގައި އޮތީ ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 168 ވަނަ މަގާމްގައެވެ. ސަރަހައްދުގެ ހަވަނަ މަގާމް ގައި އޮތީ ނޭޕާލެވެ. މިފަހަރުގެ ރޭންކިން އިން އެއްވެސް ކުރިއެރުމެއް ނުލިބުނު ނޭޕާލް ދުނިޔޭގެ ރޭންކިންގައި އޮތީ 171 ވަނައިގަ އެވެ. ސްރީ ލަންކާ ވަނީ ދެ ދަރަޖައިގެ ވެއްޓުމަކާއެކު ދުނިޔޭގެ ރޭންކިންގެ 174 ވަނަ އަށް ވެއްޓިފައެވެ.

ސަރަހައްދުގެ ފުލުގައި އަދި ވެސް އޮތީ ޕޮއިންޓެއް އަދި ކުރިއެރުމެއް ވެސް ލިބިފައިނުވާ ބޫޓާނެވެ. އެ ގައުމު އޮތީ ދުނިޔޭގެ 207 ވަނައިގަ އެވެ.