09 May 2013, 14:30
ސަރުކާރާއި، ވަޒީފާ ދޭފަރާތް ތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ހިމެނޭ ގޮތަށް މަޝްވަރާ ބައްދަލުވުންތައް ފެއްޓުމުގެ ގޮތުން "ޓްރައިޕާޓައިޓް ޑައިލޮގްސް"ގެ ނަމުގައި ހާއްސަ ފޯރަމްއެއް މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި އެމެރިކާގެ ޑިޕާޓްމަންޓު އޮފް ލޭބާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޓްރައިޕާޓައިޓް ޑައިލޮގްސް"ތަށް ކުރިއަށް ގެންދިއުމާއި އަދި މަސައްކަތާއި ގުޅޭ ދާއިރާގައި ހުރި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި މިއަދު ހެނދުނު ފެށި އެ ބައްދަލުވުމުގައި އައިއެލްއޯގެ ކޮންސަލްޓަންޓެއް ކަމަށްވާ ރޮބަޓް ލިއޯން ހެރަން މައުލޫމާތު ހިއްސާ ކުރައްވާނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ސަރުކާރާއި އައިއެލްއޯގެ އިތުރުން މޯލްޑިވްސް އެމްޕްލޯއީސް ފޯރަމްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
"ޓްރައިޕާޓައިޓް ޑައިލޮގްސް"އާއި ބެހޭގޮތުން އިންސާނީ ވަސީލަތްތަކާބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ 2009 ވަނަ އަހަރު ރާއްޖެއިން އައިއެލްއޯގެ މެންބަރަކަށް ވީފަހުން އެ ޖަމިއްޔާގެ މަޝްރޫއުތަކާއި ލަފަޔާއި އެހީތައް ރާއްޖެއަށް ލިބެމުން އަންނަ ކަމަށާއި އެގޮތުން ވަޒީފާއާ ގުޅޭ ދާއިރާއާ ބެހޭ ކަންތައްތައް ނިންމުމުގައި އެދާއިރާއާ ގުޅުންހުރި ހިމަނައިގެން މަޝަވަރާތައް ބޭއްވުމަކީ އައިއެލްއޯގެ ވަރަށް މުހިއްމު އެއް އަސާސް ކަމަށެވެ.
"އައިއެލްއޯއަކީ އދ.ގެ އެހެނިހެން އިދާރާތަކާ ތަންކޮޅެއް ތަފާތު ތަނެއް. އައިއެލްއޯގައި އެގައުމެއްގެ ސަރުކާރެކޭ ހަމަ އެއްވަރުގެ ހިއްސާދާރުން، މަސައްކަތްތެރިން އަދި ވަޒީފާ ދޭފަރާތް ހިމެނޭ ގޮތަށް [ޓްރައިޕާޓައިޓް]އޭ މިކިޔާ އުސޫލުތައް ދަމަހައްޓާނެ. އެހެންވީމާ އައިއެލްއޯގެ ކޮންމެ ކަމެއްގައިވެސް މަޝްވަރާއާއި ލަފައާއި އަދި އެތަނުން ކުރާ ކޮންމެ ހަރަދެއް ވިޔަސް ބާއްވާ ކޮންމެ މަޝްވަރާއެއްވިޔަސް ޖަލްސާއެއް ވިޔަސް އެއްވަރުގެ ހިއްސާދާރުންގެ ގޮތުގައި ތިންފަރާތް ވެސް ބަލައިގަންނާނެ،" މުންދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު މި ބޭއްވޭ ބައްދަލުވުމަކީ ތިން ފަރާތުގެ މެދުގައި މަޝްވަރާގެ އުސޫލުތައް ގާއިމްކޮށް މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލު ކުރުމަށް އިސްކަން ދިނުމަށް ޓަކައި ބޭއްވޭ ބައްދަލުވުމެއް ކަމަށެވެ.