09 May 2013, 14:07
ތިލަފުއްޓަށް ކުނި ގެންދިއުމަށް ވިލިނގިލީ ފެރީޓާމިނަލް ސަރަހައްދަށް ޖަމާކުރާ ކުނީގެ ސަބަބުން ފެރީން ދަތުރުކުރާ މީހުންގެ ސިއްހަތަށް ގެއްލުންވެ، ފެރީން ދަތުރުކުރާ މީހުން ޝަކުވާ ކުރާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތިލަފުއްޓަށް ކުނި ގެންދިއުމަށް ވިލިނގިލީ ފެރީޓާމިނަލް ސަރަހައްދަށް ޖަމާކުރާ، ކުނިވާ ޒާތުގެ، ކުނީގެ ސަބަބުން ފެރީން ދަތުރުކުރާ މީހުންގެ ސިއްހަތަށް ނުރައްކަލާ ކުރިމަތިލާން ޖެހި އެކަން ހައްލުކުރަން ޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ފެރީ ޓާމިނަލް ސަރަހައްދަށް ކުނި ޖަމާވިޔަ ނުދީ، އަވަސް ގޮތެއްގައި މާލޭން ބޭރުކުރުމަކީ މާލޭ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނީ އެކަމަށް ހައްލެއް ގެނައުމަށް ޓަކައި އެމްޓީސީސީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން އެމްޓީސީސީ އަށް އެވޯޑް ކުރި ކުނި ކޮށި ސާފުކޮށް އިއްޔެ ނިންމާލާފައިވާ ކަމަށެވެ.
މާލޭ އެއް ނަމްބަރުން ކުނި ކޮށިން އަރާ ދުމާއި ވަހުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުންނާއި ކިޔަވާ ކުދިންނަށް އުނދަގޫވެ ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން މިދިޔަ މާޗު މަހުން ފެށިގެން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެމްޓީސީސީން ވަނީ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ފެރީ ޓާމިނަލް ސަރަހައްދަށް ކުނި ސްޓޮކްވާ މައްސަލާގައި މާލޭ ސިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.