މި މަހުގެ 22 އިން 24 އަށް ތައިލޭންޑުގެ ބެންކޮކްގައި ބާއްވާ ފީބާ އޭޝިއާގެ ފުރަތަމަ 18 އަހަރުން ދަށުގެ ތިރީ އޮން ތިރީ ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާން ނިންމައިފި އެވެ.

މުބާރާތުގައި ރާއްޖެ އިން ބައިވެރިވަނީ އަންހެން ޓީމަކާއި ފިރިހެން ޓީމެކެވެ. އަދި މިފަހަރުގެ މުބާރާތަކީ ބާސްކެޓްބޯޅައިގެ ތެރެއަށް ތިރީ އޮން ތިރީ ބާސްކެޓްބޯލް ތައާރަފް ވުމަށް ފަހު އޭޝިއާގެ ސަރަހައްދުގައި މިއުމުރުފުރާގެ ކުދިންނަށް ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ ފިރިހެން ކުދިންގެ ބައިގައި 23 ގައުމުކުން ވާދަކުރެ އެވެ. އަދި އަންހެން ކުދިންގެ ބައިން ވާދަކުރަނީ 19 ގައުމަކުންނެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅުމަށްހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް ވާދަކުރަނީ އޭ ފަޅިން ނެވެ. އަންހެން ޓީމް ވާދަކުރަނީ ގްރޫޕް ޑީ ފަޅިންނެވެ.

މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމާ އެކު ދެން ވާދަކުރާ ގައުމުތަކަކީ ސައުދީ އަރަބިއާ އާއި މޮންގޯލިއާ އާއި އިންޑިއާ އަދި ޗައިނާ އެވެ. އަދި ރާއްޖޭގެ އަންހެން ޓީމާ އެކު ވާދަކުރާ ގައުމުތަކަކީ މަކާއޯ އާއި ޗައިނާ އާއި އިންޑޮނީސިއާ އަދި ތައިލޭންޑެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ގުރުނެގުން އޮތީ ހުސްވި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ފީބާ ސެންޓަރަލްގަ އެވެ.

މުބާރާތުގައި ރާއްޖެ އިން ވާދަކުރާ ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ޒައިދު އާއި ރަމާހް އިބްރާހިމް އީސާ އާއި އަހުމަދު ސައިފް ނައީމް އަދި މުހައްމަދު ލަޔާން އެވެ. އަދި ކޯޗަކީ ކޯޗަކީ އަހުމަދު ނަޒީފެވެ.

އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު ރައުޝާ އާއި ހައްވާ މުޝީރާ މުހައްމަދާއި އައިޝަތު ޝައްފަ އިސްމާއިލް އަދި ރައިފާ އިބްރާހިމް އެވެ. ކޯޗަކީ މުހައްމަދު ހާޝިމް އެވެ.