09 May 2013, 12:48
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިދިޔަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ހާއްސަ އިނާމަށް މި އަހަރު ނަން ހުށަހެޅުއްވުމުގެ ފުރުސަތު ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި އެވެ.
މި އިނާމު ދެއްވުމުގެ މަގްސަދަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިހުތިފާލު ކުރުމާއި މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބު ކުރުމެވެ.
ހާއްސަ އިނާމު މި އަހަރު ވެސް ދިނުމަށް ހަމަޖައްސަވާފައި ވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެެގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރުމާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލްކުރުން އަދި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ގިންތިތަކުގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ކުދިންނަށް އިނާމު ދެއްވުމުގެ އުސޫލަށް މިފަހަރު ވަނީ ބަދަލެއް ގެންނަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ ބަދަލަކީ އެއް ކެމްޕަހަށް ވުރެ ގިނަ ކެމްޕަހުގައި، އެއް ކޯހެއް ހިންގާފައިވާ ނަމަ، ކޮންމެ ކެމްޕަހަކުން އެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރަކަށް އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުމެވެ. މިގޮތުން ވެސް އިނާމު ދެއްވާނީ، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ނަމަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަސް ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާ އިން އިނާމު ދެއްވުމަށް ހަމަޖެހިފައި ވަނީ، ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަން ޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށެވެ. މި އިނާމަށް އިއުލާނު ކުރައްވައި، ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިންނެވެ. އެ އިނާމަށް ވެސް ނަން ހުށަހެޅުއްވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުއްވާލައްވާފަ އެވެ.
ހާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު ފުރިހަމަކޮށް، ހާއްސަ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ ޖޫން މަހުގެ 20ގެ ނިޔަލަށެވެ.