09 May 2013, 12:39
ހދ. މަކުނުދޫ ކައުންސިލްގެ ފައިސާތަކެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަން ސާބިތުވާތީވެ، އެ ކައުންސިލްގެ ކުރީގެ ކައުންސިލަރު އަބްދުﷲ ހަމީދާއި ކައުންސިލްގެ އިދާރީ މުވައްޒަފެއް ކަމަށްވާ އާދަމް މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީ އިން ބުނީ އެ މައްސަލަ ތަހުގީގުކުރި އިރު މަކުނުދޫ އޮފީހުން އެކި ފަރާތްތަކަށް ހަވާލުކުރަން ޖެހޭ ފައިސާ އާއި ކުރީގެ ކައުންސިލަރު އަބްދުﷲ ހަމީދު ނަގާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 4.11ގެ (ނ) އާ ހިލާފަށް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފައިސާ ހަވާލުކުރަން ޖެހޭ ފަރާތްތަކާ ހަވާލުކުރުމަށް ކަމަށް ބުނެ ހަމީދު ފައިސާ ނަގާފައިވާކަން އެނގޭއިރު، ފައިސާ ހަވާލުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ހަވާލުކުރަން ޖެހޭ ފައިސާ ލިބިފައިނުވާ ކަމަށާއި މިކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ އަމަލެއް ކަން ސާބިތުވާ ކަމަށެވެ.
މަކުނުދޫ އޮފީހުން ނެގުމަށް ފަހު، ހަމީދު ބޭނުންކޮށްފައިވާ ފައިސާގެ އަދަދެއް އޭސީސީ އިން ހާމަކޮށްފައި ނުވާ އިރު، އެކޮމިޝަނުން ބުނީ އެ ފައިސާ ލިޔުމެއް ނެތި ހަވާލުކޮށްފައި ވަނީ މަކުނުދޫ ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އާދަމް މުހައްމަދު ކަމަށް ވުމުން އޭނާގެ މިއަމަލުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެފައިވާތީވެ އޭނާގެ މައްޗަށް ވެސް ދައުވާކުރަން ނިންމާފައިވާ ކަމަށެވެ.