މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ދައުވާއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް ފުރުސަތު ދީފި އެވެ.

ދައުލަތުން އިސްމާއީލް އަބްދުލްލަތީފްގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ 1433 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8.6 މިލިއަން ރުފިޔާ ނެގުމަށް ފަހު އިސްމާއީލް އަބްދުއްލަތީފް އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ދައުވާގައި މައްސަލަ ހުރިކަމަށް ކޯޓަށް ފެންނާތީ ދައުވާއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ތިން ދުވަހުގެ މުހުލަތެއް ދައުލަތަށް ދީފަ އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ އެ މައްސަލައަކީ އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ އަދި ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިހާރު އެ ދައުވާ އޮތްގޮތަށް ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ދެން ނުކުންނަ ނަތީޖާ އެހެންގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ގާޒީ ވަނީ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ކޮން ގޮތަކުން ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލާއި ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާއިޝަތު މުހައްމަދު ވިދާޅުވީ ހައްޖަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނުމުގެ ކުރިން އިސްމާއީލް އަބްދުއްލަތީފް މީހުންގެ އަތުން ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ.

ހައްޖަށް ދިޔުމަށްޓަކައި ގިނަ ބަޔަކު މަލީޝާ ޖަމާއަތާ އެ ފައިސާ ހަވާލުކުރީ ބެލެހެއްޓުމަށްތޯ ވިދާޅުވެ ވެސް އަބްދުﷲ ގާޒީ ދައުލަތުގެ ވަކީލާއި ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ އާއިޝަތު ވިދާޅުވީ މަލީޝާ އަށް ފައިސާ ދެއްކި މީހުންނަށް އެތަނުން ދިން ލިޔުމެއްގައި އެ ޖަމާއަތުން އެފައިސާ ބަލަހައްޓާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ކުރަންޖެހޭ ދައުވާ ފެތޭނީ ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ ދަށުން ނޫންތޯ ވެސް ގާޒީ އެއްސެވި އެވެ.

ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެކުމަކީ އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ޚިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފަ އަކުން ދައްކައިގެން ފައިސާ ނުވަތަ ތަކެތި އަތުލައި އެކަމެއް ބުނިގޮތަށް ކޮށްނުދީ އެ ފައިސާ ނުވަތަ ތަކެތި ބޭނުން ކުރުމެވެ.

ހައްޖަށް ދިޔުމަށް މަލީޝާ އަށް އެންމެ ގިނައިން ފައިސާ ދައްކާފައި ވަނީ ތ. ގުރައިދޫ އަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގެ އެކި ރަށްތަކުން އެ ޖަމާއަތަށް ފައިސާ ދައްކާފައިވާ އިރު އިންޑިއާގެ ދެ މީހަކު ވެސް ހައްޖަށް ދިޔުމަށްޓަކައި މަލީޝާ ޖަމާއަތަށް ފައިސާ ދައްކާފައިވެ އެވެ.