ޕޯޗްގަލްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ޖަހައި ދިން ގޯލުގެ އަދަދު 200 އަށް އަރައިފި އެވެ.

ރޮނާލްޑޯ ރެއާލްއަށް ޖަހައިދިން 200 ވަނަ ލަނޑު ހަމަކުރީ ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 6-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ޖެހި ލަނޑުންނެވެ. އޭނާ އެލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެވެ. އަދި މީގެއިތުރުން ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ރެއާލްއަށް ލިބުނު ޕެނަލްޓީއެއްވެސް ބޭކާރު ކޮށްލާފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލްއެވެ. އެ ލަނޑު ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ސްޕެއިންގެ ޑިފެންޑަރު ރައުލް އަލްބިއޮލްއެވެ. އަދި މީގެއިތުރުން ރޭގެ މެޗުގައި ރެއާލްއިން ޖެހި އިތުރު ލަނޑު ތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މެސުޓް އޮޒިލް އާއި ކަރިމް ބެންޒެމާ އާއި ލޫކާ މޮޑްރިޗް އަދި ޑި މަރިއާ އެވެ.

ނުވަ ކުޅުންތެރިންނާއެކު ކުޅެ ރެއާލް އަތުން ބަލިވި މަލާގާއަށް ލަނޑުތައް ޖަހާދިން ކުޅުންތެރިންނަނީ ރޯގް ސަންޓަ ކުރޫޒް އާއި އަންޓުނަސް އެވެ.

ރޭގެ މޮޅާއެކު ރެއާލް އޮތީ 80 ޕޮއިންޓާއެކު ދެވަނަ މަގާމްގައެވެ. މެޗުން ބަލިވި މަލާގާ އޮތީ 53 ޕޮއިންޓާއެކު ހަވަނަ މަގާމްގައެވެ. ލީގުގެ އެއް ވަނައިގައި 88 ޕޮއިންޓާއެކު އޮތީ ބާސެލޯނާ އެވެ.