އިނގިރޭސި ލީގުގައި ރޭ ޗެލްސީއާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލު ކުރި މެޗު ދޭއް ދޭކުން އެއްވަރު ވެއްޖެއެވެ.

ރޭގެ މެޗުގައި ދެފަހަރުވެސް ކުރި ހޯދީ ޗެލްސީއެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އޮސްކާއެވެ. 16 މިނިޓުފަހުން ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމެނުއަލް އަޑެބަޔޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 39 ވަނަ މިނިޓުގައި ރަމިރޭޒްއެވެ.

ދެޓީމުގެ ފަރާތުންވެސް އަވަސް އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ޓޮޓެންހަމްއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 80 ވަނަ މިނިޓުގައި ގިލްފީ ސިގާޑިސަންއެވެ.

ޗެމްޕިއަންސް ލީގުގެ ފަހު ދެ ޖާގައަށް ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމް ވާދަކުރާއިރު ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ ދެ މެޗެވެ. އެހެން ނަމަވެސް ރޭގެ މެޗަކީ ޗެލްސީއާއި ޓޮޓެންހަމް އަށް އާސެނަލްގެ މައްޗަށް ލީޑުފުޅާކުރުމަށް ލިބުނު އިތުރު ފުރުސަތެއް ނަމަވެސް ލީގުގެ ތަރުތީބު މިހާރު އޮތްގޮތުން ރޭގެ މެޗުގެ ނަތީޖާ އެއްވަރު ވުން ނުވަތަ ޗެލްސީ މޮޅު ވުމަކީ އާސެނަލްއަށް އެންމެ ރަނގަޅު ނަތީޖާ ކަމަށް ވެދާނެއެވެ.

ރޭގެ ނަތީޖާއާއެކު ޗެލްސީ ތިންވަނައިގައި އޮތީ 69 ޕޮއިންޓާ އެކުގައެވެ. އަދި 67 ޕޮއިންޓު ލިބިގެން ހަތަރު ވަނައިގައި އާސެނަލް އޮތް އިރު ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 66 ޕޮއިންޓާ އެކުގައެވެ.

ލީގުގައި މި ތިންޓީމަށް ބާކީ ހުރި މެޗުތަކަށް ބާލާއިރު، ޗެލްސީ ކުޅެންޖެހޭނީ އެސްޓަން ވިލާއާއި އެވަޓަންއާ ދެކޮޅަށެވެ. އާސެނަލްއަށް ވިގަން އާއި ނިއުކާސަލްގެ މެޗު އޮތްއިރު ޓޮޓެންހަމް ވާދަކުރަން ޖެހޭނީ ސްޓޯކް ސިޓީއާއި ސަންޑަލޭންޑާއެވެ.