ވިކްޓޯރިއާ ޑިސްޓްރިބިއުޝަނުން ރާއްޖޭގައި ޑިސްޓިބިއުޓްކުރާ އެނާޖީ ޑްރިންކެއް ކަމަށްވާ "ބީ ފިފްޓީ ޓޫ" އިން މި އަހަރުގެ އެފްއޭ ކަޕް ދެ ލައްކަ ރުފިޔާއިން ސްޕޮންސާކޮށްފި އެވެ.

މުބާރާތުގެ ސްޕޮންސާޝިޕް އެގްރީމަންޓްގައި ސޮއިކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން އެ އެގްރިމަނަޓުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ. އަދި ވިކްޓޯރިއާ ޑިސްޓްރިބިއުޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ކެލްވިއަން ކުއާ އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ވިދާޅުވީ، މި ފަހަރުގެ އެފްއޭކަޕް ވިކްޓޯރިއާ ޑިސްޓްރިބިއުޝަނުން ސްޕޮންސާ ކޮށްދިނުމުން އެކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށާއި އެގޮތުން މިމުބާރާތް ނިންމައިލާން ބޭނުން ވަނީ އެކުންފުނީގެ އެއްބާރުލުމާ އެކު ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އެކުންފުނީގެ އެއްބާރުލުން އެފްއޭއެމްއަށް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ހާނިމް ވިދާޅުވިއެވެ.

"އަޅުގަނޑު މެން މިބަލަނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށް. މިފުރުސަތުގައި އެކުންފުނީގެ ހުރީހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ހާނިމް ވިދާޅުވިއެވެ.

ވިކްޓޯރިއާ ޑިސްޓްރިބިއުޝަންސްގެ ޗެއާމަން ކެލްވިން ކުއާ ވިދާޅުވީ، އެފްއޭ ކަޕް ސްޕޮންސާ ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުމުން ކުރިއަށް އޮތްތާގައި ވެސް އެފްއޭއެމްއިން ރާވާ އެހެން މުބާރާތްތައް ވެސް ސްޕޮންސާ ކޮށްދިނުމަށް އެކުންފުނިން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި ހަމައެޔާއެކު މިފަހަރުގެ އެފްއޭކަޕް ސްޕޮންސާ ކުރުމުގެ ފުރުސަތު ލިބުމުން އެފްއޭއެމްގެ އެންމެހާ އިސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާ ކަމަށް ކުއާ ވިދާޅުވިއެވެ.

މުބާރާތް ސްޕޮންސާކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފާއި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވެސް ބައިވެރިވަޑައިގަތެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ އިސްވެރިން ވެސް ވަނީ އެރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ވިކްޓޯރިއާ ޑިސްޓްރިބިއުޝަނުން ރާއްޖޭގައި ޑިސްޓިބިއުޓްކުރާ އެނާޖީ ޑްރިންކެއް ކަމަށްވާ "ބީ ފިފްޓީ ޓޫ" އިން މި އަހަރުގެ އެފްއޭ ކަޕް ސްޕޮންސާ ކުރުމުން މުބާރާތް ކުރިއަށްދާނީ "ބީ ފިފްޓީ ޓޫ އެފްއޭ ކަޕްގެ" ނަމުގައެވެ.