އިސްލާމް އާބާދު (މޭ 9): މިމަހުގެ 11 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގެންފި ނަމަ ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާކުރާ ހަނގުރާމައަށް ޕާކިސްތާނުން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ނިމުމަކަށް ގެންނަވާނެ ކަމަށް އެގައުމުގެ މިހާރުގެ އިދިކޮޅު ލީޑަރު މުޙައްމަދު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުރާ ހަނގުރާމައަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ސަބަބުން ޕާކިސްތާނުގައި ދާޚިލީ ތަޅާފޮޅުމާއި ލޭއޮހޮރުވުންތައް އުފެދި ގައުމީ އެއްބައިވަންތަކަމަށް ނުރައްކާވެފައިވާ ކަމުގަ އެވެ. ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި އެގައުމުގެ ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަންޖެހޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަންކުރައްވާނެ ކަމުގަ އެވެ. ތާލިބާނުންނާ ވަހަކަދައްކައިގެން ޕާކިސްތާނުގައި ސުލްޙަ ޤާއިމްކުރުމުގައި ބޭރުގެ ފަރާތްތަކުން ބުނެފާނެ އެއްޗަކަށް ޕާކިސްތާނުން ބަލަންނު ޖެހޭ ކަމަށް ވެސް ނަވާޒް ޝަރީފު ވިދާޅުވި އެވެ.

މި މަހުގެ އެގާރަވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އެންމެ ބޮޑީ ނަވާޒް ޝަރީފުގެ ޕާޓީ އަށް ކަމަށް ޕާކިސްތާނުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވަނީ ހާމަވެފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވީ ތާލިބާނުންނަނީ ހަރުކަށި ބައެއް ކަމަށްވިޔަސް ހަނގުރާމަކުރުމަކީ އެމީހުންގެ ހަރުކަށިކަން ނައްތާލުމަށް އޮތް އެންމެ ރަނގަނޅުގޮތް ނޫންކަމުގަ އެވެ. އަދި ތާލިބާނުންނާ ވާހަކަ ދައްކައިގެން ސުލްޙަ ވެރިކަމާ އެކު މައްސަލަ ޙައްލުކޮށް ޕާކިސްތާނަށް ސުލްޙަ ގެނެވިދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަވާޒް ޝަރީފް ވިދާޅުވި އެވެ.

ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާކުރާ ހަނގުރާމައަށް ޕާކިސްތާނުން އެއްބާރުލުން ދޭންފެށީ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފްގެ ވެރިކަމުގަ އެވެ. އެއަށް ފަހު ޕާކިސްތާން ޕީޕަލްސް ޕާޓީގެ ވެރިކަމުގައި ވެސް މިކަންވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ތާލިބާނުން ޕާކިސްތާން ސަރުކާރާ ދެކޮޅަށް ހަނގުރާމަފެށީޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުރާ ހަނގުރާމައަށް ޕާކިސްތާނުން އެއްބާރުލުން ދޭން ފެށުމުން އެކަމާދެކޮޅު ހެދުމުގެ ގޮތުންނެވެ. (ބީ.ބީ.ސީ)