09 May 2013, 10:19
މޮސްކޯ (މޭ 9): ސޫރިޔާގެ މައްސަލަ ގުޅިގެން ޙައްލުކުރުމަށާއިއެކަމަށް ޓަކައި ބައިނަލްއަޤްވާމީ މަހާސިންތާއެއްބޭއްވުމަށް އެމެރިކާއާއި ރަޝިޔާ އެއްބަސްވި އެއްބަސްވުމަށް ސޫރިޔާގެ މައްސަލައާ ގުޅުން ހުރި އެހެންފާރާތްތަކުން ތާއީދުކުރާކަން ހާމަކުރަމުން އެބަގެންދެ އެވެ.
އދ. އާއި ޢަރަބި ލީގުން ސޫރިޔާއަށް ކަނޑައަޅާފައިވާ ސުލްޙައިގެ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވީ ސޫރިޔާގެ މައްސަލާގައި އެމެރިކާ އާއި ރަޝިޔާ އެއްބަސްވުމަކަށް އައުމަކީ ސޫރިޔާގެ އަހްލީ ހަނގުރާމަ ހުއްޓުވައި އެގައުމަށް ސުލްޙަ ގެނެވިދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމެއް ކަމަށާ މިއެއްބަސްވުމަށް މަރްޙަބާ ވިދާޅުވާ ކަމުގަ އެވެ. ޢަރަބި ލީގުންނާއި މިސްރުން ވެސް ވަނީ ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާއާއި ރަޝިޔާ އެއްބަސްވި އެއްބަސްވުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
ޔޫރަޕްގެ އިއްތިޙާދުން ބުނީ އެމެރިކާ އާއި ރަޝިޔާގެ އެއްބަސްވުމާ މެދު ހިތްހަމަޖެހޭ ކަމުގަ އެވެ. މިދިޔަ އަންގާރަ ދުވަހު އެމެރިކާ އާއި ރަޝިޔާއިން ވަނީ ސޫރިޔާގެ މައްސަލަ ސުލްޙަ ވެރިކަމާ އެކު ޙައްލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ. މިކަމަށްޓަކައި ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވުމަށް ވެސް އެމެރިކާއާއި ރަޝިޔާ ވަނީ އެއްބަސްވެފަ އެވެ. ސޫރިޔާގެ މައްސަލާގައި މިހާތަނަށް ޚިޔާލު ވަރަށް ބޮޑަށް ތަފާތު އަދި އެ މައްސަލާގައި މުޅިން ދެ ސިޔާސަތެއް ގެންގުޅުނު އެމެރިކާ އާއި ރަޝިޔާ އިން މިދިޔަ ބުދަ ދުވަހު ވަނީ ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ފިއްތުންތައް ކުރިމަތިކޮށްގެންނަމަވެސް ސޫރިޔާގެ މައްސަލަ ސުލްޙަ ވެރިކަމާއެކު ޙައްލުކުރުމުގެ ވަގުތު އައިސްފައިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާ އާއި ރަޝިޔާ މިކަމަށް އެއްބަސްވީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ހުޅުގަނޑު އަވަށްޓެރި ގައުމުތަކަށް ފޯރައި އެ ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް މޮސްކޯގައިމަޝްވަރާ ކުރެއްވުމަށް ފަހު އެއްބަސްވެފައި ވަނީ ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ފިއްތުންތައް ކުރިމަތިކޮށްގެންނަމަވެސް އެ ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ އަހްލީ ހަނގުރާމަ ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.
މިކަމަށްޓަކައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާއި ޢަރަބި ލީގާއި އދ. އާ އަދި ސޫރިޔާގެ މައްސަލައާ ގުޅިފައިވާ އެހެން ފަރާތްތައް ވެސް ބައިވެރިކޮށްގެން ބައިނަލްއަޤްވާމީ ސުލްހައިގެ މަހާސިންތާއެއް ބޭއްވުމަށް އެމެރިކާއާއި ރަޝިޔާ ވަނީ އެއްބަސްވެފަ އެވެ. (ނޫސްއެޖެންސީތައް)