ކޮލަންބޯ (މޭ 9): ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓަށް އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، ޙާޒިރުވެ ވަޑައިނުގަންނަވާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ބުނީ އަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބާއްވާ ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައިއެޖަމާއަތުގެ ވެރިޔާ ރާނީ އެލިޒަބަތު ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގަ އެވެ. މިއީ 1973 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ސަމިޓަކަށް އިނގިރޭސި ރާނީ ޙާޒިރުވެވަޑައިނުގަންނަވާ ފުރަތަމަ ފަހަރު ކަމަށް ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއް ބުނެ އެވެ.

މިބަޔާން ބުނާ ގޮތުން ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓުގައި ރާނީ އެލިޒަބަތު ތަމްޝީލް ކުރައްވާނީ ރާނީގެ ދޮށީ ފިރިހެން ދަރިކަލުން އަދި އިނގިރޭސި ވަލީއުލްޢަހްދު ޕްރިންސް ޗާލްސް އެވެ.

ކޮމަންވެލްތުގެ އިސްވެރިއެއްގެ ގޮތުން އެލިޒަބަތު ދޭއް ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓަކަށް އެންމެ ފުރަތަމަ ހާޒިރުވެ ވަޑައިގެންނެވީ 1973 ވަނަ އަހަރު ކެނެޑާގައި ބޭއްވި އެޖަމާއަތުގެ ސަމިޓަށެވެ. އެއަށް ފަހު ކޮމަންވެލްތުން ބާއްވާ ކޮންމެ ސަމިޓަކަށް ވެސް ރާނީ އެލިޒަބަތު ޙާޒިރުވެ ވަޑައިގަންނަވަ އެވެ. ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓް ބާއްވަނީ ކޮންމެ ދެއަހަރުން އެއް އަހަރު އެވެ. ކޮމަންވެލްތަކީ އިނގިރޭސިވިލާތުގެ އިސްތިޢްމާރުގެ ދަށުން މިނިވަންވެފައިވާ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.

މިޖަމްޢިއްޔާ އުފެއްދުމުގައި އިނގިރޭސިވިލާތުގެ މަޤްސަދަކީ އެގައުމާއި ކުރިން އިސްތިޢްމާރުކޮށްގެން އުޅުނު ގައުމުތަކާ ދެމެދު ގުޅުންތައް ދެމެހެއްޓުމާ އެކު އިނގިރޭސީންގެ ކޮންމެވެސް ވަރެއްގެ ބާރަކާއި ނުފޫޒެއް އެގައުމުތަކަށް ހިންގޭނެ ވެއްޓެއް ޤާއިމް ކުރުން ކަމަށްވަނީ ބެލެވިފަ އެވެ. ނަމަވެސް ކޮމަންވެލްތުގެ ބައެއް ޤައުމުތައް އިނގިރޭސިވިލާތަށްވުރެ މިހާރު އިޤްތިސާދީ ގޮތުން ކުރިއަރަމުންދާތީ އާއި އިނގިރޭސީންގެ އާރާއި ބާރު ދުނިޔޭގައި ވަރަށް ބޮޑަށް ހީނަރުވެ އިނގިރޭސީންގެ އިޤްތިސާދުވެސް ބަލިކަށިވެފައި ވާތީ އެޖަމާއަތުގެ ގައުމުތަކަށް ނުފޫޒު ހިންގުމުގެ ފުރްސަތު އިނގިރޭސީންނަށް ވަނީ ވަރަށް ކުޑަވެފަ އެވެ.

ކޮމަންވެލްތުގެ ރައީސަކީ އިނިގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި އެވަގުތަކު ހުންނަވާ ބޭފުޅެކެވެ. ނަމަވެސް ކޮމަންވެލްތުގެ ރައީސްގެ މަޤާމަކީ ހަމައެކަނި ނަމެއްގައި އޮންނަ ޝަރަފުވެރިކަމުގެ މަޤާމެކެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ މައްޗަށް އެއްވެސް އަމުރެއް ހިންގުމުގެ ބާރު އެޖަމްޢިއްޔާގެ ރައީސަށް ލިބިގެނެއްނުވެ އެވެ. (ނޫސްއެޖެންސީތައް)