09 May 2013, 10:00
ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައިވާ ފަސް ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަނޑަ އަޅައިފަ އެވެ. އެ ބެންޗު ކަނޑައެޅި ހިސާބުން ވެސް ކުރީގެ ރައީސް ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުގެ އިތުރުން ގިނަ ގާނޫނީ ވަކީލުންތަކެއް ވަނީ އެއީ ގާނޫނާ ޚިލާފަށް ޖޭއެސްސީން އެކުލަވާލި ބެންޗެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ތަފާތު އެކި ޕޯޑިއަމްތަކުގަޔާއި ޓީވީ ޕްރޮގްރާމްތަކުގައި ވެސް އެ ބެންޗުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވައި އެކި އެކި ފަރާތްތަކުން ވާހަކަ ދައްކަވައިފައިވެ އެވެ. އޭގޭފަހުން ދެން ފެނިގެން ދިޔައީ އެ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ހިލާފަށް އެކުލަވާފައިވާ ފަނޑިޔާރުންގެ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޖޭއެސްސީގެ މައްޗަށް ދައުވާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅި ތަނެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމުން ނަޝީދުގެ ފަރާތުން ޝަރީއަތަށް މައްސަލަ އިއްވުމާ އެކު އެ މައްސަލައަކީ ހައިކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ޖޭއެސްސީން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ. ހަމަ އެއާ އެކު ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވީ ޖޭއެސްސީގެ އިޖުރާއީ ނުކުތާތަކަށް ޖަވާބުދާރީވާން އެއް މަސް ދުވަހުގެ މުހުލަތެއް ބޭނުންވާ ކަމަށެވެ. ނަޝީދު އެދިވަޑައިގަތް ގޮތަށް ޖޭއެސްސީ އިން ވަނީ އެ ފުރުސަތު އެމަނިކުފާނަށް ދެއްވައިފަ އެވެ.
ހައިކޯޓުން ނަޝީދަށް ދެއްވި އެއް މަސް ދުވަހުގެ މުހުލަތު ހަމަވާން ކައިރިވެފައި ވަނިކޮށް ޖޭއެސްސީން ވަނީ އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ހައިކޯޓުގައި އެދިފަ އެވެ.
ޖޭއެސްސީން އެގޮތަށް ހައިކޯޓުގައި އެދުނުކަމުގެ ޚަބަރުތައް މީޑިއާގެ ފަލަ ސުރުޚީއަށް އެރުމާ އެކު ޖޭއެސްސީން ހައިކޯޓުގައި އެގޮތަށް އެދިފައި ވަނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްގެން ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިހާރުގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގެ ރަސްމީ ލެޓާހެޑުގައި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ކޮމިޝަންގެ ނިންމުމެއް ނެތި މައްސަލަ އަވަސްކޮށްދިނުމަށް އެދި ހައިކޯޓުގައި ޖޭއެސްސީން އެދިފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ޝާހިދު އެ ސިޓީ ފޮނުއްވުމުން ދެން ފެނިގެން ދިޔައީ އެ ސިޓީއަށް ވަރުގަދަ ރައްދެއް ދެއްވައި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އެމަނިކުފާނަށް ސިޓީ ފޮނުއްވި ތަނެވެ. އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މައްޗަށް ދައުވާކޮށް ރައީސް ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް އެ ކޮމިޝަނުން ހައިކޯޓުގައި އެދިފައި ވަނީ ކޮމިޝަނުން ނިންމައިފައިވާ ނިންމުމަކުން ބާރު ލިބިގެން ކަމަށާއި ކަމުގެ ހަގީގަތް ބެއްލެވުމެއް ނެތި އެފަދަ ސިޓީފުޅެއް ޝާހިދު ފޮނުއްވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ފަހަރުގައި ޖޭއެސްސީން އެފަދަ ސިޓީއެއް ޝާހިދަށް ފޮނުވިޔަސް އެއީ ހަގީގަތެއް ކަމާމެދު ގިނަ ބައެއްގެ ހިތުގައި ޝައްކުތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެ ސަބަބަށް ޓަކައި ޖޭއެސްސީން ވަނީ އެ ކޮމިޝަންގެ މައްޗަށް ދައުވާކޮށް ކޯޓުތަކަށް ހުށަހެޅިފައި ހުންނަ މައްސަލަތަކާއި އެ ކޮމިޝަނުން އެކި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދި ކޯޓުތަކަށް ސިޓީ ފޮނުވުމުގެ ބާރު ޖޭއެސްސީގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް އަށް ދިނުމަށް މިދިޔަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު އެ ކޮމިޝަނުން ނިންމައިފައިވާ ނިންމުމުގެ ކޮޕީއެއް ވެސް މީޑިއާތަކަށް ފޮނުވައިފަ އެވެ.
ޖޭއެސްސީގެ އެ ނިންމުމަށް ބަލާއިރު ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އަވަސް ކޮށްދިނުމަށް ޖޭއެސްސީއަށް ހައިކޯޓުގައި އެދެވިދާނެ ކަން ވަރަށް ސާފުކޮށް އެނގޭން އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށް ވާއިރު އެތަނުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އެފަދަ ސިޓީފުޅެއް ޖޭއެސްސީގެ ރައީސަށް ފޮނުވައިފައިވާ އިރު އެ ސިޓީ ފޮނުވާފައި ވަނީ މަޖިލީހުގައި މަޝްވަރާ ކުރުމެއް ނެތިއެވެ. މަޖިލީހަކީ ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައި އޮންނަ ތަނެކެވެ. އެ މަޖިލީހަށް 77 މެންބަރުން އިންތިހާބު ކޮށްފައި ވަނީ ވަކި މީހަކު ބޭނުންވާ ގޮތަކަށް އެތަނުން ކަންކަން ނިންމުމަކަށް ނޫނެވެ. އެއީ އެ މަޖިލީހަށް ކަމެއް ހުށަހެޅިއްޖެނަމަ ކޯރަމް ހަމަވާ ޖަލްސާއަކަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުން ކަންކަން ނިންމަން ޖެހޭކަމަށް ދިވެހީން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީ ބުނާތީ އެ ބޭނުމުގައި އިންތިހާބު ކޮށްފައިވާ މެންބަރުންތަކެކެވެ.
ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވިގޮތުގައި މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި އަމިއްލަފުޅަށް ގަބޫލު ކުރެއްވޭ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެފަދަ ސިޓީތަކެއް ފޮނުވުމަކީ ޒިންމާދާރު ގޮތުގައި ޝާހިދު ކުރެއްވި ކަމެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތަޅުމުން ފާސް ނުކުރަނީސް މަޖިލީހުގެ ލެޓާހެޑްގައި އެފަދަ ސިޓީފުޅެއް ފޮނުއްވުމަކީ ޝާހިދުއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އަމިއްލަފުޅު ހައިސިއްޔަތުން ސިޓީފުޅެއް ޝާހިދަށް ވެސް ފޮނުއްވިދާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
"މަޖިލީހުގެ އެއްވެސް ނިންމުމެއްނެތި އެފަދަ ސިޓީފުޅެއް އަބްދުﷲ ޝާހިދަށް ނުފޮނުއްވޭނެ. އެހެންނަމަވެސް އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން އެފަދަ ސިޓީއެއް ފޮނުވިދާނެ،" އާސިފް ވިދާޅުވި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ބެންޗުގެ ގާނޫނީ ސައްހަކަމުގެ މައްސަލަ އަވަސް ކޮށްދިނުމަށް ޖޭއެސްސީއަށް ހައިކޯޓުގައި ނޭދެވޭނެ ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ. ޝާހިދުގެ އެ އަމަލަކީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވި ފަހުން ކުރައްވައިފައިވާ ކަމެއް ކަމަށްވާ އިރު އެފަދަ ކަންކަމުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން ޝާހިދު ވެސް އަދި އެފަދަ މަތީ މަގާމުގައި ތިއްބާ ބޭފުޅުން ކަންތައްކުރައްވާއިރު ޒިންމާދާރުކަމާ އެކު ކަންކަން ކުރެއްވުމަކީ މުހިންމު ކަމެކެވެ. އަމިއްލަ ޒާތީ މަސްލަހަތުގެ އިމާއި އަދާކުރާ ވަޒީފާއާ ގުޅިގެން ހިފަހައްޓާން ޖެހޭ ވަޒީފާގެ އަހުލާގުގެ އިމާ ވަކި ކުރައްވާން އެނގިވަޑައި ނުގަންނަވާ ނަމަ ނެތިގެންދާނީ ގައުމީ މަސްލަހަތެވެ. ހަމަކަށަވަރުން ވެސް މަޖިލީހުގެ ރައީސަކީ ޒިންމާދާރު ބޭފުޅަކަށް ވުން އެއީ ލާޒިމް ކަމެކެވެ.