ރާއްޖޭގައި އޮތީ ދެ ފިކުރެއް ނޫން ކަމަށާއި ތިން ވަނަ ފިކުރެއް ވެސް އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިރޭ އައްޑޫ ސިޓީގެ ހުޅުމީދޫގެ ސ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖެގައި އޮތް ތިން ވަނަ ފިކުރަކީ "އެއްބައިވަންތަ ފިކުރު" ކަމަށާއި އެކަން އައްޑޫ ސިޓީން ވެސް ފެންނަމުންދާ ކަމަށެވެ.

ސ. އަތޮޅު މަދަރުސާގައި އޭލެވެލް ފެންވަރަށް ކިޔަވައިދިނުން ފެއްޓެވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުމީދޫން "އެއްބައިވަންތަ ޖަގަހަ"އެއް ފެނިވަޑައިގަތުމުން ވަރަށް އުފާފުޅުވެ ހިތްހަމަޖެހިވަޑައިގެންނެވި ކަމަށާއިި އެ ޖަގަހަ ހުރުމުން ރާއްޖޭގައި މިހާރު އޮތީ ދެ ފިކުރެއް ނޫންކަން ސާބިތުވާ ކަމަށެވެ.

"ކުރިން ބުނަނީ ދެ ފިކުރެކޭ އޮތީ. [އެހެންނަމަވެސް] އެއްބައިވަންތަ ކަމުގެ ފިކުރު އޮތްކަން އެއިން [އެއްބައިވަންތަ ކަމުގެ ޖަގަހަ ހުރުމުން] ދޭހަކޮށްދެނީ. ވަރަށް ރީތިކޮށް މިއަދު އަޅުގަނޑުމެނަށް ފެނިއްޖެ ތިން ވަނަ ފިކުރު، އާދެ އެއްބައިވަންތަ ފިކުރު،" ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގައި ކުޑަ ކޮމެޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އައްޑޫ ސިޓީން "މީގެ ކުރިން ނުފެންނަ ވަރުގެ ހަލުވި ބޮޑެތި މަޝްރޫއުތަކެއް" ފެނިގެންދާނެ ކަމަށެވެ.

"އެހެންވީމާ އިރާދަކުރެއްވިޔާ މަޝްރޫއުތައް ހަގީގަތަކަށް ވެގެންދާނެ. ދެން ހަމަ ވަރަށް ގިނަ ކަންތައްތަކެއް. އެހެންވީމާ އެކަން ވެގެންދާއިރު ތިޔަ ބޭފުޅުންނާ އެކު އަޅުގަނޑު ހުންނާނަން. މާ ލަހެއް ނުވެ އަޅުގަނޑު އަދި އަންނާނަން. ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަމެއް ކުރަން،"

ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތް ފަހުން އައްޑޫ ސިޓީ އަށް ދެވަނަ ފަހަރަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވަޑައިގަތުމުގެ ކުރީން އައްޑޫ ސިޓީގައި ވަކި ބަޔަކު "މާ ވަރުގަދަ" ކަމުގެ މައުލޫމާތު ލިބިވަޑައިގަތް ކަމަށާއި ނަމަވެސް ހީފުޅު ކުރެއްވި ވަރަށް ވުރެ ބޮޑު ތަރުހީބެއް އެމަނިކުފާނަށާއި ޓީމަށް ލިބިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަށް އިވެމުންދިޔައީ ދެން އަޅުގަނޑުމެނަށް އެހާ ފަސޭހައެއް ނުވާނެ އޭ މިތަނަށް އަންނާކަށް ވެސް. އެއީ ވަކި ބަޔަކު މާ ވަރުގަދަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ. އެހެނެއް ނޫން މިކަން މި ވީކީ. އަޅުގަނޑު ހީކުރިވަރަށް ވުރެ މާރަނގަޅަށް ކަންތައްތައް މިހުރީ. ރަނގަޅު ނުވާންވީ ސަބަބެއް ނެތް. އަޅުގަނޑުމެން ވެސް ވަރަށް އިހްލާސްތެރިކަމާ އެކު އަޅުގަނޑުމެން މި ތިބީ ތިޔަ ބޭފުޅުންގެ ފަތްޕުޅުގައި،" ރައީސް ވިދާޅުވި އެވެ.