އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ލިޔުމެއް ދިނުމަށް އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރަކަށް ބަޔަކު މީހުން ބިރު ދެއްކުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓްގެ މަސައްކަތްތައް ހުއްޓާލައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ކަށީގެ އޮޕަރޭޝަނެއް ކޮށްފައިވާ ބަލި މީހަކު މިއަދު މެންދުރު ފަހު އެ ހޮސްޕިޓަލަށް ގޮސް އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ދިއުމަށް ލިޔުމެއް ހޯދުމަށް ޑޮކްޓުރަށް ބިރުދައްކާފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އެ ބަޔާނުގައި ބުނެފައިވަނީ ބަލި މިހާ ބެލުމަށް ފަހު އޭނާ ފަރުވާ ހޯދަންޖެހޭ ބައްޔަށް އެ ހޮސްޕިޓަލުން ފަރުވާ ދެވޭތީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދިއުމަށް ލިޔުމެއް ނުދެވޭނެ އެ މީހާއަށް އެންގި ކަމަށެވެ. އެ ގޮތަށް އެންގުމުން 10 މީހުންގެ ގުރޫޕެއް އައިސް ޑޮކްޓަރަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށާއި އޭގެ ސަބަބުން ކަށީގެ ޑިޕާޓްމަންޓް ޑޮކްޓަރުން ތިއްބެވީ ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ބަލިމީހާ މިކަމާއި ނުރުހުން ފާޅުކޮށް ރާއްޖެއިން އިތުރުފަރުވާ ހޯދަން ބޭނުން ނުވާކަމަށާއި އަދި ބަލިމީހާ ބޭނުންވާ ގޮތައް އާސަންދަ ފޯރޮށްދިނުމަށް އިންޒާރުދިނެވެ. އެ ވަގުތު މި ބަލި މީހާއާއިއެކު 10 ވަރަކަށް މީހުން ޑޮކްޓަރުގެ ކޮޓަރީގައި ތިއްބެވެ. ބަލިމިހާ ބަލާ ޑޮކްޓަރަށް މި މީހުން އިންޒާރު ދެމުން ގެންދިޔައީ އާސަންދަ ފޯމް ނުފުރާދީފި ނަމަ ހަމަލާދޭނެ ކަމަށާއި ޑޮކްޓަރު އާސަންގެ އެހީ ހޯދަން ޖެހޭ ވަރުކުރާނެ ކަމަށެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އައިޖީއެމްއެޗުން ބުނީ އިއްޔެގެ ވަގުތެއްގައި ވެސް އެ 10 މީހުންގެ ގުރޫޕުން އެހެން މީހަކަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދިއުމުގެ ލިޔުމެއް ނުދީގެން ޑޮކްޓަރަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި އިއްޔެ ޑޮކްޓަރަށް ބިރުދެއްކުމުން ރާއްޖެއިން ބޭރަށް ގޮސް އަސަންދައިން ބޭސްފަރުވާ ކުރުމުގެ ހުއްދަދޭ ފޯމް ފުރާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އުނދަގޫ ހާލަތްތަކުގައިވެސް ދެވެންހުރި ޚިދުމަތްތައް ވީހާވެސް ރަނގަޅަށް އާންމުނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ޚިދުމަތް ހޯދަންދާ ފަރާތްތަކުން އެފަދަ އަމަލުތައް ހިންގުމަކީ މަސައްކަތުގެ މާހައުލު ބިރުވެރިތަނަކަށް ވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެކަމުގެ ސަބަބުން އެންމެ އެދެވޭ ގޮތުގައި އެ ހޮސްޕިޓަލުން ޚިދުމަތްދިނުމަށް ހުރަސްތަކެއް ކުރިމަތިވެނެ ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.