ނިޒާމީ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވި، ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ފެށުމާ އެކު ޑީއާރުޕީގެ މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ. އެ މެންބަރުން ވިދާޅުވަމުން ގެންދެވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަށް ކިޔަމަން ވުމުގެ ގޮތުން އެ މައްސަލައަށް ގޮތެއް ނުނިމެނީސް މަޖިލީހުގައި އެއްވެސް ކަމެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.  


ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، ސުޕުރީމް ކޯޓުގެ ނިންމުމާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުން މިދިޔަ އަހަރު ކިޔަވަން ބޭނުންކުރި ފޮތްތައް އަނބުރާ ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ބެލެނިވެރިންނަށް އަންގާފައިވާ ކަމަށާއި އޭގެ ތެރެއިން ހަލާކުވެފައިވާ ފޮތްތަކަށް ފައިސާ ނުދައްކައިފި ނަމަ އިމްތިހާނުގައި ބައިވެރި ނުވެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ވަރަށް ގިނަ ރައްޔިތުން ޝަކުވާކުރާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި މިނިސްޓަރެއް ނެތް މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުން އެކަމަށް ހައްލެއް ހޯދިދާނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަކީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.


މިއަދުގެ ޖަލްސާގައި ޑީއާރުޕީގެ މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އަދި ޑީއާރުޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވައި، މަޑަވެލި ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ، ސްޕުރީމް ކޯޓަށް މަލާމާތް ކުރުމަށް، ސުޕުރީމް ކޯޓު މި ގައުމުގައި ހުރީތީ މަޖިލީހުގެ ޖަލްސާ ހުއްޓައިލުމަށް މެންބަރުން ވިދާޅުވަމުން ގެންދަވާކަމަށެވެ. ހުޅުހެންވޭރު ދާއިރާގެ މޫސާމަނިކު ވިދާޅުވީ، ކޯޓެއްގައި މައްސަލައެއް އޮވެގެން މަޖިލީހުގެ ޖަލްސާތައް ނުހިނގާ ކަމަށް ވަނީވިއްޔާ މަޖިލީހުގެ ބައެއް މެންބަރުންގެ ކިބައިގައި، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާ ޝަރުތު ހަމަވޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބެހޭ މައްސަލަތައް ވެސް ކޯޓުތަކުގައި ހުރި ކަމަށާއި އެފަދަ މައްސަލަތައް ސާފުވެގެން ކުރިއަށް ދިއުން މުހިއްމު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. މޫސަގެ މި ވާހަކައާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެގެންދިޔަ އެވެ.


މެންބަރުންގެ ނިޒާމީ މައްސަލަތަކާ ގުޅިގެން، ޖަލްސާ ކުރިއަށް ގެންދެވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަޖިލީހުގެ މެންބަރުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަވަސްކޮށްދެއްވުމަށް ލިޔުމަކުން ދަންނަވާފައިވާނެ ކަމަށާއި ޖަވާބުގައި އެ މައްސަލަ ވަރަށް އަވަސްކޮށްދެއްވާނެ ކަމަށް ލިއުމުން ސުޕުރީމް ކޯޓުން ޖަވާބު ދެއްވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވައި މަޖިލީހުގެ ތަޅުން އިތުރަށް ހޫނު ކުރެއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި މެންބަރުންގެ ރޫހު ހުރި ގޮތުން ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ އެ މައްސަލަތަކުގައި ދެން ކުރިއަށް ދެވޭނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވައިގެން ކަމަށް ފެނިވަޑައިގަންނަވާތީ، 9:09 ގައި ޖަލްސާ ނިންމަވާލެއްވިކަން ޝާހިދު އިއްލާން ކުރެއްވި އެވެ. އަދި ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ މަހުގެ އެކެއްގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


ވޭތުވެދިޔަ ދެ ޖަލްސާއެއް ހޫނުވެ މަޖިލްސް "ޑެޑްލޮކަށް" އައިސްފައި ވަނީ  ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެންނެވެ.


އޭޖީ ސުޕްރީމް ކޯޓަށް ހުށަހެއްޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އެބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރައްވައި ސުވާލު ކުރެވިދާނެކަމަށް، މަޖިލީހުގެ ގަވާއިދުގައި ބުނާ، 171 ވަނަ މާއްދާގެ (ވ) އަކީ ގާނޫނު އަސާސީއާ ފުށުއަރާ އަކުރެއްކަމަށް ނިންމައި ދެއްވުމަށެވެ. އެ މައްސައާ ގުޅިގެން، ސުޕްރީމްކޯޓުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅުން ހުރި އެއްވެސް މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް ސުޕުރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އަދި އެ އަމުރާ ގުޅިގެން މަޖިލީހުގައި އެޖެންޑާކޮށްފައި އޮތް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން އުނިކުރުމާ ގުޅިގެން، ޑީއާރުޕީގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައިގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދެއްވައިފަ އެވެ. އެ މެންބަރުން ވިދާޅުވަމުން ގެންދެވީ، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި ޖަވާބުދާރީވާނޭ ވަޒީރަކު ނެތް ކަމަށާއި މަޖިލީހުގައި ހިނގާ ކޮންމެ ކަމަކީ ކޮންމެވެސް ވުޒާރާއަކާ ގުޅުން ހުރި ކަމަކަށް ވާތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިމެނީސް އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ކިޔަމަން ވުމަކީ ވެސް މަޖިލީހުގެ މަސައްކަތްތައްކުރިއަށް ނުގެންދިއުން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކޮމިޓީގެ މައްސަލައަކަށްވެފައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސައަކީ، އެބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވުމުން، ކޮމިޓީން ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މަޖިލީހުގެ ތަޅުމުގައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުންދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ، އެ މައްސަލަ އެނޫން ގޮތަކަށް ސުޕުރީމް ކޯޓުން ނުނިންމަވާނެތީ މަޖިލީހުގައި މިހާރު އޮތް ހިސާބުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.