ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫސިޓީގެ ހުޅުމީދޫގެ މަގުތައް ހެދުމުގެ މަޝްރޫއު މިއަދު ހަވީރު ފަށްޓަވައި ދެއްވައިފިއެވެ.

މަގުތައް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތައް ހެދުމަކީ، އަތޮޅުގެ ތަރައްގީއަށްޓަކައިވެސް ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވި އެވެ. އަދި ހުޅުމީދޫގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި މި ހެދޭ މަގުތަކުގެ ސަބަބުން އެރަށްރަށުގެ އގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އުންމީދަކީ، ތަރައްގީގެ މިފަދަ މަޝްރޫއުތައް އެއްވެސް މެދުކެނޑުމެއްނެތި، ވީހާވެސް ބާރު މިނެއްގައި ކުރިއަށް ގެންދެވުން ކަމަށް ވެސް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ހުޅުމީދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ފަށްޓަވައި ދެއްވުމަށްފަހު، ހުޅުމީދޫގައި އެސްޓީއޯގެ ފަރާތުން ހައްދަވާފައިވާ ފާމަސީ ހުޅުއްވައިދެއްވިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ ބޭސް، އާސަންދައިގެ ދަށުން، އެ ފިހާރައިން ހިލޭ ލިބެން ހުންނާނެކަމަށް ވިދާޅުވި އެވެ. އަދި މިފަދަ ފާމަސީއެއް އެރަށުގައި ހުޅުއްވައި ދެއްވި ކަމަށްޓަކައި އެސްޓީއޯ އަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.