ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ ގާނޫނުތަކެއް ނުވަތަ ކުޑަކުދިންނަށް ހާއްސަ ގާނޫނުތަކެއް ނެތުމުން، އެކަމުގެ އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބު މާތާ ސެންޓޯސް ޕެއިސް ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުޑަކުންދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމާ ބެހޭ ހާއްސަ މަންދޫބު މާތާ ވިދާޅުވީ ރާއްޖޭގައި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހާއްސަ ގާނޫނުތަކެއް ނެތުމުގެ މައްސަލަ ކަމަށެވެ.

"ގާނޫނުތަކެއް އެބަ ބޭނުންވޭ. ކުޑަކުދިންގެ މައްސަލަތަކުގައި ހާއްސަ ގާނޫނުތަކެއް. މިސާލަކަށް ތައުލީމާ ބެހޭ ގާނޫނު، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމާއި، އެހެން އާއިލާއަކާ ކުއްޖާ ހަވާލުކުރެވޭނެ ހާލަތްތަކާއި، ގާނޫނީ ގޮތުން ބެލެނިވެރިޔާ ބަދަލުކުރާނެ ހާލަތްތަކާއި މިފަދަ ކަންކަން ގާނޫނަކުން ކަނޑައެޅެން ޖެހޭ. މީގެ އިތުރުން ކުޑަކުދިންނަށް އަދަބު ކަނޑައެޅުމުގައި ވެސް ގާނޫނެއްގެ މުހިއްމުކަން ބޮޑު" މާތާ ވިދާޅުވި އެވެ.

ހާއްސަ މަންދޫބުގެ މިދަތުރުފުޅުގައި އދ އިން ވަނީ ދިވެހި ސަރުކާރުން އިސް ކަމެއް ދީގެން ކުރަން ޖެހޭ ތިން ކަމެއް ފާހަގަކޮށް ކަރުދާހެއް ހުށަހަޅާފަ އެވެ.

މިތިން ކަމަކީ ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަނިޔާތަކާ މެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، ކުޑަކުދިންނާ ގުޅޭ ތަފާތު ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސްޓްރެޓެޖީއެއް ކަނޑައެޅުމުގެ އިތުރުން މަތީގައި ފާހަގަކޮށްފައިވާ ގާނޫނުތައް ވުޖޫދަށް ގެނައުމެވެ.

މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މާތާ ކުރެއްވި މިދަތުރުފުޅަކީ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މާތާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކޮށް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކުރައްވައިފަ އެވެ.