ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ މި މަހު ގެޒެޓް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.

އިލްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ވޯޓްލާ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި މި މަހު 21 ވަނަ ދުވަހު ވޯޓްލާ މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"ވޯޓްލާ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި މިވަނީ. އަޅުގަނޑުމެން ގަސްތުކޮށްގެން ތިބީ މި މަހުގެ 15 ވަނަ ދުވަހު ވޯޓާސް ރަޖިސްޓްރޭޝަން ގެޒެޓް ކުރަން. އެހެން ނަމަވެސް ދިމާވީ ބައެއް ސަބަބުތަކާ ހުރެ އެ ތާރީހުގައި އަޅުގަނޑުމެންނަށް އެކަމެއް ކުރެވޭކަށް ނެތް. އެހެން ވީމާ މިހާރު އަޅުގަނޑުމެން ކޮމިޝަނުން ނިންމާފައި އޮތީ މި މަހުގެ 21ގައި ވޯޓާސް ރަޖިސްޓްރޭޝަން ގެޒެޓް ކުރަން." މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ވޯޓްލާ މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުވަތަ ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ހުރި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި އެ މައުލޫމާތު އިސްލާހް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުން މިހާރު އުޅޭ އެޑްރެސް ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެ ކޮމިޝަނަށް އެންގެވުމަށް އިއުތިމާސް ކުރައްވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. އަދި މާލޭ ދަފްތަރުގައި ހިމެނޭ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި ވޯޓް ލުމަށްޓަކައި ބަހައްޓާނޭ ފޮށީގެ އަދަދާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަނިކު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި 556 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން 55 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށާއި އަދި އަތޮޅުތަކުގައި 355 ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދެން ހުރި ވޯޓް ފޮށިތައް ބަހައްޓާނީ މާލެ އާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައްޔާއި އަދި ޖަލުތަކުގައި ކަމަށެވެ.

މަނިކު އިތުރަސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ތައްޔާރު ވަމުންދާއިރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފައިސާ ނެތުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ކުރިއަށް ރިޔާސީ އިންތިހާބަށާއި އަދި ކައުންސިލްތަކުގެ އިންތިހާބަށް 80 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް މަނިކު ވިދާޅުވި އެވެ.