އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމާ ބެހޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ސަންއަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އަދި އެ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރުމާ ބެހޭ އެގްރީމަންޓްގައި ސޮއިކުރުމަށް މިހާރު އދ.ގައި ހުންނަ ރާއްޖޭގެ މިޝަން އަށް އެ ކަމަކާ ބެހޭ ލިޔުންތައް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އދ.ގައި ހުންނަ ރާއްޖޭގެ މިޝަނުން އެ އެގްރީމަންޓްގައި ސޮއިކުރުމާ އެކު އިފެކްޓް ވާން ދަށާނެ. އަޅުގަނޑުމެން މިބަލަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅު ރާއްޖޭގެ ސިފައިން އދ.ގެ ފައުޖުތަކުގައި ބައިވެރިވާން ފޮނުވޭވަރުވާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ބައިވެރިކުރުމަށް ޓަކައި މިހާރު ވެސް ސިފައިންގެ ގިނަ ބަޔަކު ތަމްރީންކޮށްފައިވާ ކަމަށާއި އެ އޮފިސަރުން ތަމްރީންކޮށްފައި ވަނީ ނޭޕާލާއި މެލޭޝިއާ އދ. އާ ގުޅިގެން ގާއިމްކޮށްފައިވާ ޕީސް ކީޕިން ޓްރެއިނިންގް ސެންޓަރުތަކުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އެފަދަ ތަމްރީނެއް އެންމެ ފުރަތަމަ ހައްދަވާފައިވާ އޮފިސަރަކީ މިނިސްޓަރު ނާޒިމް އެވެ. މިނިސްޓަރު އެ ތަމްރީންތައް ހައްދަވާފައި ވަނީ މެލޭޝިޔާގަ އެވެ.

އދ. ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުުރަމަށް ނިންމާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އދ.ގެ ސުލްހަ ބަލައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށްޓަކައި ސޮއި ކުރަން ޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު އެ ހުއްދަ ވަނީ ސަރުކާރަށް ދީފަ އެވެ. އެ މައްސަލާގައި ގައުމީ ސަލާމަތުގެ ކޮމެޓީގެ ލަފައަކަށް ސަރުކާރުން އެދުމުން އެކޮމިޓީން އޮކްޓޫބަރު 10، 2011ގައި ވަނީ ޔޫއެން ފައުޖުގައި ސިފައިން ބައިވެރި ކުރުމުގެ ހުއްދަ ދީފަ އެވެ.