މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާ އިރު ގާނޫނާއި ގަވާއިދާ ހިލާފްވެގެން ޖުވައިނަލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ ކުދިންގެ މައްސަލަތަކުގެ އަދަދު 19.2 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

ޖުވައިނަލް ޖަސްޓިސް ޔުނިޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުގެ ތިން މަސް ދުވަސްތެރޭގައި އެ ޔުނިޓަށް 21 ކުއްޖެގެ މައްސަލަ ހުށަހަޅާފައިވާ އިރު މި އަހަރުގެ ތިން މަސް ދުވަސް ތެރޭގައި 31 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި އަހަރު އެ ޔުނިޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ބަވާތްތަކަށް ބަލާއިރު އެންމެގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ބޮޑެތި މާރާމާރީގެ މައްސަލަތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކުރީ އަހަރާ އަޅާބަލާ އިރު މި އަހަރު ހުށަހަޅާފައިވާ މައްސަލަތައް އިތުރުވެގެން ގޮސްފައިވާ އިރު މި އަހަރުގެ ތިން މަސްދުވަސްތެރޭގައި ބޮޑެތި މާރާމާރީގެ ހަ މައްސަލައެއް އަދި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ހަ މައްސަލައެއްގެ އިތުރުން ބޮޑެތި ވައްކަމުގެ ފަސް މައްސަލައަކާއި ބަދުއަހްލާގީ އަމަލު ހިންގުމުގެ އަށް މައްސަލައެއް އެ ޔުނިޓަށް ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ފޭރުމުގެ އެއް މައްސަލައާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ހަތަރު މައްސަލައަކާއި ކައިވެނި ނުކޮށް ވިހެއުމުގެ އެއް މައްސަލައާއި ހިމެނޭއިރު އަންހެން ކުދިންނާއި ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައިވާނީ ބަދުއަހްލާގީ މައްސަލަތައް ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގައި އެންމެ ގިނައީ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން މައްސަލަކެވެ. އޭގެ ތެރޭގައި ފިރިހެން ކުދިންގެ ތެރެއިން އެންމެ ގިނައީ 17 އަހަރުގެ ކުދިންގެ މައްސަލަ ކަމަށާއި އަދި އަންހެނުން ކުދިންގެ ތެރެއިން އެންމެ ގިނައީ 12 އަހަރުގެ ކުދިންގެ މައްސަލަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކުގެ ރިޕޯޓުގައި ސްކޫލުގައި އުޅެމުން ކުށްކުރާ ކުދިން މި އަހަރުގެ އިތުރު ވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ޔުނިޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންގެ 29 ޕަސެންޓު ކުދިންނަކީ ސްކޫލުކުދިން ކަމަށް ބުނެފައިވެ އެވެ.

އާއިލާކައިރީ ބަހައްޓައިގެން އެދެވޭ ހެޔޮ ބަދަލު ނާންނަ ކުދިންގެ ތެރެއިން މުޖުތަމައުގައި އެކަހެރިކޮށްފައި ބަހައްޓަން ޖެހޭ ހާލަތްތަކުގައި ކ. ފޭދޫފިނޮޅުގައި ހުންނަ "ކަރެކްޝަނަލް ޓްރޭނިން ސެންޓަރު ފޮ ޗިލްޑްރަންސް" ކުދިން ގެންދާ އުސޫލުން މި އަހަރުގެ ތިން މަސް ދުވަސް ތެރޭގައި11 ކުއްޖަކު ބައިތިއްބާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން އެ ސެންޓަރުގައި އެކި ޕްރޮގްރާމްތައް ހިންގުމަށް ފަހު ދެ ކުއްޖަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖުވައިނަލް ޖަސްޓިސް ޔުނިޓުން ބުނެފައި ވަނީ ކުދިން ކުށްކުރުމުން ދުރުހެލި ކުރުމަށް ވޭތުވެ ދިޔަ ތިން މަސް ދުވަސް ތެރޭގައި ގިނަ ޕޮރްގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. ހަމަ އެހެންމެ އެ ރިޕޯޓުގައި ވަނީ އެ ޔުނިޓްގެ މަސައްކަތްތަކަށް އެޅިފައިވާ ބައެއް ހުރަސްތައް ފާހަގަކޮށްފަ އެވެ. އެގޮތުން ކުޑަ ކުދިންގެ އަދުލުގެ ގާނޫނެއް ނެތުމާއި ގުޅުން ހުރި މުވައްސަސާތަކުގެ އެއްބާރުލުން ބައެއް ކަންކަމުގައި ލިބުމަށް ދަތިވުމާއި އަދި މައްސަލަތަކުގައި ހިމެނޭ ކުދިންގެ ބެލެނިވެރިންގެ އެއްބާރުލުން ނުލިބުމަކީ އެ ޔުނިޓްގެ މަސައްކަތްތަކަށް އެޅިފައިވާ ހުރަހެއް ކަމަށް ވަނީ ބުނެފަ އެވެ.