ދެ މީހުންނާ އެކު މ. މުލަކުން ފުރައިގެން ދަތުކުރި "އަޒުމް" ދޯނި ހޯދުމުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ސަރުކާރުން ފޮނުވި ހާއްސަ ނޭވީ މަތިންދާ ބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އަޒުމް ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ހުރަވީ އާއި އިންޑިއާ އިންޑިއާގެ ނޭވީ މަތިންދާ ބޯޓު ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. އެ މަތިންދާ ބޯޓު ކުރިން އެމްއެންޑީއެފްގެ "ކުރަނގި" ހެލިކޮޕްޓަރު ބެލި ސަރަހައްދަށް ވުރެ ބޭރުން ބަލަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ހެނދުނު ސާވިއެލަންސް ޕެޓްރޯލަށް ބޯޓު ވަނީ ނައްޓާލައިފައި، ތ. އަތޮޅާއި ލ. އަތޮޅު އަދި އޭގެ ބޭރު ކަނޑުގެ ސަރަހައްދު ވެސް އަލުން އެބޯޓުން ބަލާނެ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖަހާއެހާކަންހާ އިރު މ. މުލަކުން ފުރައިގެން ލ. މާވަށަށް ދަތުރުކުރި "އަޒުމް" ދޯނީގައި ދަތުރު ކުރި ދެ މީހުންނަކީ އދ. މާމިގިލީ ހަނދުވަރުދޭގޭ ޙަސަން ރަޝީދު،39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ.

އަޒުމް ދޯންޏާއި އެ ދޯނިން ދަތުރުކުރި މީހުންގެ އެއްވެސް ނިޝާނެއް އަދި މިހާތަނަށް ނުފެންނަ ކަމަށާއި އެ ދޯންޏާއި އެ ދޯނިން ދަތުރުކުރި މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެމައުލޫމާތެއް ދިނުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.