އިނގިރޭސި ޕްރިމިއާލީގުގެ އެންމެ ބޮޑު އެއް ކުލަބުކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި 26 އަހަރު ހޭދަކުރުމަށް ފަހު މި ސީޒަން ނިމުމުން ރިޓަޔާ ކުރަން ނިންމާފައިވާކަމަށް ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ހާމަ ކޮށްފިއެވެ.

މިހާރު އުމުރުން 71 އަހަރުގެ ސްކޮޓިޝް، ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވީ 7 ނޮވެމްބަރު 1986ގައެވެ. އަދި ވޭތުވެ ދިޔަ 26 އަހަރާ ބައިގެ ދިގު މުއްދަތުގައި އޭނާ ވަނީ ޔުނައިޓެޑަށް 38 ޓްރޮފީ ހޯދައި ދީފައެވެ. އެގޮތުން ލީގު ޗެމްޕިއަންކަން 13 ފަހަރު ، ޗެމްޕިއަންސް ލީގު ދެ ފަހަރު، އެފްއޭ ކަޕް ފަސް ފަހަރު އަދި ލީގު ކަޕު ހަތަރު ފަހަރަށް ހޯދާފައި ވެއެވެ.

މީގެ 17 ދުވަސް ކުރިން 20 ވަނަ ފަހަރަށް އިނގިރޭސި ލީގު ކާމިޔާބު ކުރި ޓީމުގެ ކޯޗު ގަބޫލުކުރާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑް މިހާރު އޮތީ އޭނާއަށް ފަހު އެކުލަބާ ދެން ހަވާލުވާ ކޯޗަކަށްވެސް އެއްވެސް ދަތިކަމެއް ނެތި ޓީމާއިގެން ކާމިޔާބާ ހަމައަށް ވާސިލުވެވޭނޭ ފެންވަރެއްގައެވެ.

"ރިޓަޔާ ކުރުމަށް ނިންމި ނިންމުމަކީ އަހަރެން ނިންމި ވަރަށް ބޮޑު ނިންމުމެއް. އަދި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު" ފާގަސަން ބުންޏެވެ. "އަހަރެން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެމުން އައީ އަހަރެން ދިއުމުގެ ކުރިން މި އޯގަނައިޒޭޝަން ރަނގަޅަށް ބައްޓަންކޮށް ކުރެވެން އޮތް އެންމެ ވަރުގަދަ ކޮށްފައި ދިއުން. އަހަރެން ގަބޫލު ކުރަން މިހާރު އެކަން ފުރިހަމަ ކުރެވިއްޖެ ކަމަށް"

ފާގަސަންއަކީ މުޅި އިނގިރޭސި ތާރީހުގައިވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާވަނީ 1999 ވަނަ މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި އަދި ލީގު ޓައިޓްލް ހޯދައިދީފައެވެ.

ފާގަސަންއަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވާނޭ ކަމަށް އެންމެ ބޮޑަށް އަޑު ފެތުރިފައި ވަނީ، ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ، އެވަޓަންގެ ކޯޗު ޑޭވިޑް މޮއެސް، ނުވަތަ ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު ޖާގަން ކްލޮޕްއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ފާގަސަން އެންމެ ފަހުން ފެންނާނެ މެޗަކީ މިމަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވެސްޓްބްރޮމް އަލްބިއަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައެވެ. އޭގެ ފަހުން ފާގަސަން ހުންނާނީ ޔުނައިޓެޑުގެ ބޯޑުގެ ޑައިރެކްޓަރު އަދި އެމްބެސެޑަރެއްގެ ގޮތުގައެވެ.