08 May 2013, 14:59
މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގައި ބަޔަކު ރޯކޮށްލާ އެތަން ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ވާތީ އެ ތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް ޑީޕީއާރުއެސް ކޯޕަރޭޓިވް އާ ހަވާލު ކޮށްގެން ކުރާ ގޮތަށް ނިންމައިފި އެވެ.
ހިންމަފުށީ ކައުންސިލްގެ އިދާރާގައި ބަޔަކު އަލިފާން ރޯކޮށް ލުމުގެ ސަބަބުން އެ އިމާރާތުގައި ހުރި ގިނަ ލިޔެކިޔުންތަކެއް ވެސް ބޭނުން ނުކުރެވޭ މިންވަރަށް އަނދައިގެން ގޮސްފައިވާ އިރު، އޮފީހުގައި ހުރި ގޮޑި، މޭޒު އަދި އެނޫން ވެސް މަސައްކަތުގައި ބޭނުންކުރާ ގިނަ ސާމާނުތައް ވަނީ އަނދައިގެން ގޮސްފަ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ސަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ އިމާރާތް އަލުން އިމާރާތް ކުރާން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި ވަނީ ގައިދީން ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ އެ ފަރާތާ އެކު އެގްރިމެންޓް ކުރާނަން. ޑީޕީއާރުއެސް ކޯޕަރޭޓިވް އަކީ ޖަލުގައި އޮންނަ ގްރޫޕެއް. އެ ކޯޕަރޭޓިވްގައި މަސައްކަތް ކުރާނީ ޖަލުގައި ތިބޭ ގައިދީން.
އޭނާ ވިދާޅުވީ އެ މަސައްކަތްކަތުގެ އަގަށް ގާތް 342،000 ރުފިޔާ ވަރު ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެ ފައިސާ ޖަމާވާނީ ގައިދީންގެ އެކައުންޓްތަކަށް ކަމަށެވެ.
އަލިފާނުގެ އެ ހާދިސާ އާ ގުޅޭ ގޮތުން ކުރީން ކައުންސިލްގެ ރައީސް ޝާން ވިދާޅުވެފައި ވަނީ އެ އަލިފާނަކީ ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ އަލިފާންނެއް ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށެވެ.