08 May 2013, 14:53
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އާއި އޭޝިޔަން ކްރިކެޓް ކައުންސިލް (އޭސީސީ) ގުޅިގެން ޅ. ހިންނަވަރުގައި މި މަހުގެ 1-5ށް ކުރިއަށް ގެންދިޔަ އޭސީސީ ލެވެލް އެކެއް ކްރިކެޓް ކޯޗިން ކޯސް ނިމިއްޖެ އެވެ.
ޖުމުލަ 15 ފަރާތަކުން ބައިވެރިވި އެ ކޯހުގައި ކިޔަވައިދެއްވީ ސްރީލަންކާގެ ކުރީގެ ފާސްޓް ބޯލާ އަދި މިހާރު އޭސީސީގެ ޑިވެލޮޕްމަންޓް އޮފިސަރު ރުމޭޝް ރަތްނަޔަކާއާއި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ފަރާތުން އިމާދު އިސްމާއީލް އެވެ.
ކޯސް ނިންމުމަށް ފަހު ޕްރެކްޓިކަލް އަދި އެސެސްމެންޓުން 75 މާކުހަށް ވުރެ މަތިން ހޯދާ ފަރާތްތަކަށް އޭސީސީ އިން ރާއްޖެ އިން ބޭރުގައި ހިންގާ އޭސީސީ ސެންޓްރަލް ކްރިކެޓް ކޯޗިން ކޯސް ދޭއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ އެ ކޯސް ފުރިހަމަކޮށްފައި ވަނީ، ފުވައްމުލަކުން ބައިވެރިވި މުހައްމަދު ޔާމީން، ރިޔާސް ރަޝީދުއާއި މާލޭން ބައިވެރިވި މުހައްމަދު ޝާފީ، އަލީ ނިޔާޒު، ހަސަން ފަސީލްއާއި ކުނަހަންދޫއިން ބައިވެރިވި ލިރުޣާމް ސައީދު އާއި ކޯސް ބޭއްވި ހިންނަވަރުން ބައިވެރިވި ޢަބްދުﷲ ސާއިދު، އަރުޝަމް އާދަމް، އިބްރާހީމް ވަޙީދު ޢަބްދުﷲ، ޙަސަން ވަޙީދު ޢަބްދުﷲ، އަހްމަދު މުތީއު އަދި އަހްސަން އިސްމާއީލްއެވެ.
ހިންނަވަރު ކައުންސިލްގެ އިދާރާގައި ބޭއްވި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ނާއިބު ރައީސާއި ކައުންސިލް މެންބަރުންގެ އިތުރުން ހިންނަވަރު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު އަބޫބަކުރާއި ކުރިކެޓް ބޯޑުގެ ފަރާތުން އަލީ ނިޔާޒާއި އިމާދު އިސްމާއީލް އަދި އޭސީސީގެ ފަރާތުން ރުމޭޝް ރަތުނަޔަކެ ބައިވެރިވެ ވަޑައިގަތެވެ.