25 Oct 2010, 04:42
ޓީޗަރުންގެ އެވޯޑަށް ފައިސާގެ އިނާމް ހުށަހެޅި ފަރާތްތަކާ އެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެޑިޔުކޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ މިނިސްޓްރީން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތް ކެޓަގަރީއަކުން ނުވަ އެވޯޑު ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ނުވަ އެވޯޑުގެ ތެރެއިން މިފަހަރު ދިނުމަށް ހަމަޖައްސާފައި ވަނީ ހަ އެވޯޑް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެޑިޔުކޭޝަނުން ބުނީ ކުރިއަށް އޮތް ފަސް އަހަރަށް އެ އެވޯޑުތައް ހަ ފަރާތަކުން ނަގާފައިވާ ކަމަށާއި ކޮންމެ އެވޯޑަކަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ތިރީސް ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެ އެމްއޯޔޫގައި ސޮއިކުރި ހަ އެވޯޑަކީ "ފޯ ސީސަންސް ރިސޯޓްސް އެވޯޑް ފޯ ޓީޗާ އޮފް ދަ އިޔާ އިން އަ ޕްރީ ސްކޫލާއި، އޭޑީކޭ އެވޯޑް ފޯރ ޓީޗަރ އޮފް ދަ އިޔަރ އިން އަ ޕްރައިމަރީ ސްކޫލާއި، މީޑިއާނެޓް އެވޯޑް ފޯރ ލީޑިން ޓީޗަރ އޮފް ދަ އިޔަރ އިން އަ ޕްރައިމަރީ ސްކޫލާއި، ވިލާ ކޮލެޖް އެވޯޑް ފޯރ ޓީޗަރ އޮފް ދަ އިޔަރ އިން އަ ސެކަންޑަރީ ސްކޫލާއި، އެއާޓެކްސީ އެވޯޑް ފޯރ ދަ ޕްރިންސިޕަލް އޮފް ދަ އިޔަރގެ އިތުރުން އައިލެންޑް އޭވިއޭޝަން އެވޯޑް ފޯރ އެކްސެލެންޓް ސަޕޯޓް ސްޓާފް އޮފް ދަ އިޔަރ އެވޯޑް" ކަމަށް އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް ލަތީފާ އަބްދުލް ލަތީފް ވިދާޅުވީ، އެޑިއުކޭޝަނުން ހުޅުވާލި ފުރުސަތުގައި ތިން އެވޯޑަކަށް އެކަށީގެންވާ ވަރަށް ޝަރުތު ހަމަވާ މީހުން ކުރިމަތި ނުލުބުމުގެ ސަބަބުން އެ އެވޯޑުތައް މިފަހަރު ނުދޭނެ ކަމަށެވެ. އެއީ އެވޯޑް ފޯރ ލީޑިން ޓީޗަރ އޮފް ދަ އިޔަރ އިން އަ ސެކަންޑަރީ ސްކޫލާއި، ލައިފްޓައިމް އެޗީވްމެންޓް އެވޯޑުގެ އިތުރަށް އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އާ ޓީޗަރުގެ އެވޯޑު ކަމަށް ލަތީފާ ވިދާޅުވި އެވެ.
ޓީޗަރުންގެ އެވޯޑް މިއަހަރު އަލަށް ފަށައިގެން ނަން ހުށަހެޅުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލިއިރު ވެސް އެކަށީގެންވާ އަދަދަކަށް ޓީޗަރުން ކުރިމަތިލާފައެއް ނުވެ އެވެ.