17 Mar 2010, 15:18
19:00
މާލެއަކީ ރައްކާތެރި، އަމާން ތަނަކަށް ހެދުމަށްޓަކައި ގްރޫޕްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން ހައްޔަރުކޮށް، މާލޭގެ މަގުތައްމަތީ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެން އިށީނދެ ތިބުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ގްރޫޕް ހަދައިގެން ތިބޭ ތަންތަނުގައި ހުންނަ ތަކެތި ފުލުހުން ނަގަން ފަށައިފި އެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެން ތިބޭ ތަންތަނުން ރޭ ނަގައިފައިވާ ތަކެތީގެ ތެރޭގައި ޖޯލިފައްޗާއި، ސޯފާ އާއި، ގޮނޑި ފަދަ ތަކެތި ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ގްރޫޕް މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް އެފަދަ ބައެއް ތަންތަނުން ރޭ ފުލުހުން ނަގައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އިއްޔެއާއި ރޭގައިވެސް މާރާމާރީ ހިންގާ ތަފާތު ގްރޫޕްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޢުމުރުން 18 އަހަރުން ދަށުގެ ދެ ކުދިން ހިމެނޭއިރު އެހެން މީހުންނަކީ މާރާމާރީ އާއި، ވައްކަމާއި، ފޭރުމާއި އަދި މަސްތުވާތަކެތީގެ ތަފާތުރެކޯޑް އޮންނަ ފަރާތްތައްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.