08 May 2013, 14:39
އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މިސް މިޝަލް ޖޭސިސަން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދު އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި އެމެރިކާގެ ސަފީރު މިޝަލް ދެއްކެވި ވާހަކަފުޅުގައި ބަޖެޓްގެ ތާށިކަމާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލަތާއި މިފަދަ ތަފާތު ގޮންޖެހުންތަކާ އެކު ވެސް ޝަރުއީދާއިރާ ހަދުރަނާކޮށް، ގާބިލް ފަނޑިޔާރުން ހޯދުމާއި، އެ ދާއިރާ ރަނގަޅުކުރުމަށް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.
މިފަދަ ނާޒުކު ދުވަސްވަރެއްގައި ޖޭއެސްސީން މަސައްކަތްކުރަމުން ގެންދަނީ ކުރެވެން އޮތް އެންމެ ރަނގަޅަށްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި އެމެރިކާ އިން ވެދެވެން ހުރި އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެމުން ގެންދަވާނެ ކަމަށް އެމެރިކާގެ ސަފީރު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޖޭއެސްސީން ވަނީ އެ ކޮމިޝަންގެ މެންޑޭޓް ހާސިލްކުރުމަށް މަސައްކަތްތައްކުރިއަށް ދާގޮތާއި މެޖިސްޓްރޭޓުން ނެގުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި އަމަލުކުރަމުންދާ އުސޫލުތައް ހިމެނޭގޮތުން ޕްރެޒެންޓޭޝަނެއް ދީފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ މެމްބަރު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނާއި ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަބޫބަކުރު މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.