ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު 100،000ރ. ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ގުރާތުންގޭ އިބްރާހީމް އާޒިމްގެ މައްޗަށެވެ.

އާޒިމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުޅޭ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުން އޭނާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ވާތްފަރާތު ފަލަމަސްގަނޑުގައި އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅަކާއި އިތުރު އެއްޗެއް ޗެކްކުރި އިރު މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާގެ ފަލަމަސްގަނޑުގައި ބަނދެފައިވާ ތަކެތި ތަހުލީލު ކުރި އިރު އޭގައި 54 ގްރާމަށް ވުރެ ގިނަ އަދަދެއްގެ ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ދައުވާ އަށް އޭނާ އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ހެކީން އޭނާގެ ފަލަމަސްގަނޑުން މަސްތުވާތަކެތި ނެގިކަމަށް ބުނުމުން އެއީ މީހަކާ ހަވާލުކުރުމަށް އެހެން މީހަކު ދިން އެއްޗެއް ކަމަށް ބުނެ ދައުވާ އަށް އާޒިމް އިއުތިރާފުވެފައިވާ ކަމަށެވެ.

އާޒިމް ހައްޔަރުކޮށްފައި ވަނީ ވައިގެމަގުން އޭނާ އައްޑޫ އަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

"....ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން. މާލެ ހ. ގުރާތުންގެ އިބްރާހީމް އާޒިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާގެ (ނ)ގެ ދަށުން، އިބްރާހީމް އާޒިމް އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. ރުފިޔާ އިން ޖޫރިމަނާކޮށް، މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އިބްރާހީމް އާޒިމަށް އަންގައި، މިގޮތުގެމަތިން ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.